ޚަބަރު

ޢާއްމު ސިއްޙަތު ހަރުދަނާކުރުމުގެ މަގުޗާޓު އެކުލަވާލައިފި


ސިއްޙީ ދާއިރާއިން ފަސް ލަނޑުދަނޑިއެއް ޙާސިލްކުރުމުގެ އަމާޒު ހިފާ އެކުލަވާލި ރޯޑް މެޕް ފޯރ ޕަބްލިކް ހެލްތު އިފްތިތާޚްކޮށްފިއެވެ. މި ރޯޑް މެޕް އިފްތިތާޙްކޮށްފައިވަނީ ހެލްތު މިނިސްޓްރީން ބޭއްވި ޢާއްމު ސިއްޙަތުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ރާއްޖޭގެ ރައްޔިތުންގެ ޢާއްމު ސިއްޙަތު ހަރުދަނާކޮށް ދިވެހިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓްރީ އޮފް ހެލްތުން ބޭއްވި ޢާއްމު ސިއްޙަތު ހަރުދަނާކުރުމުގެ މަހާސިންތާގައި މިކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކަމުގެ ތަޖުރިބާކާރުންވަނީ ކުރައްވާފައެވެ. އެއަމާޒަށް ވާސިލުވުމަށް ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަހާސިންތާގެ ބައިވެރިން ހުށައެޅި އެކި ކަންކަމާއި މަހާސިންތާގައި ބައިވެރި ނުވެވުނު ފަރާތްތަކުގެ ޚިޔާލުވެސް ހޯދައިގެން ހެލްތު މިނިސްޓްރީންވަނީ ޢާއްމު ސިއްޙަތާއި ގުޅުންހުރި މަގުޗާޓެއް އެކުލަވާލާފައެވެ. މިމަގުޗާޓަކީ ކުރިއަށް އޮތް އަހަރުތަކުގައި ޢާއްމު ސިއްޙަތުގެ ދާއިރަ ހަރުދަނާކުރުމަށް ކުރާނެ މަސައްކަތްތައްކާއި އެމަސައްކަތްކުރާނެ ގޮތާއި އެކަމުގައި ހިމެނޭނެ ފަރާތްތައް ކަނޑައަޅާ އެކުލަވާލާފައިވާ މަގުޗާޓެކެވެ.

މިމަގު ޗާޓުގައި 5 ލަނޑު ދަނޑިއަކަށް ވާސިލުވުމަށް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ދުޅަހެޔޮ އާބާދީއެއް އުފެއްދުމާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސިޔާސަތަށް ބަދަލުގެނެސް އެފަދަކަންކަމަށް ކުރެވޭ ޚަރަދު އިތުރުކުރުމާއި ދެމެހެއްޓެނިވިގޮތެއްގައި ގުޅިފައިވާ ވަކި ޚާއްސަ ނިޒާމެއްގެ ދަށުން ބަލި މީހުންގެ ކަންކަން ވަޒަންކުރުމުގެ އުސޫލުތައް އެކުލަވާލުމުގެ އިތުރުން ސިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއަޅާފަދަ ވެއްޓެއް ޤާއިމުކުރުމާއި ހުރިހާ އެންމެން ޝާމިލުވާފަދަ ސިއްޙީ ނިޒާމެއް އެކުލަވާލުމެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަސްއޫލިއްޔަތަކީ ވަކި ބައެއްގެ ޒިންމާއެއް ނޫންކަމަށާއި އެއީ އެންމެން ގުޅިގެން ކުރަންޖެހޭކަމެއްކަމަށެވެ. އަދި މިނިސްޓްރީން އިންތިޒާމުކުރި ޢާއްމު ސިއްޙަތުގެ މަހާސިންތާއަކީ ސިއްޙީ ދާއިރާ ކުރއެރުވުމަށް އެޅި މުހިއްމު ފިޔަވަޅެއްކަމަށެވެ.

ރާއްޖޭގެ ޢާއްމު ސިއްޙަތުގެ ޙާލަތު ރަނގަޅުކޮށް އެދާއިރާ ކުރިއެރުވުމަށް ކުރަމުންދަ މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓްރީންވަނީ އެކި ދާއިރާތަކުން 300 އެއްހާ ބޭފުޅުން ހިމެނޭހެން 3 ދުވަހުގެ މަހާސިންތާއެއް ބާއްވާފައެވެ. މިމަހާސިންތާގެ މައިގަނޑު ބޭނުމަކީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ޢާއްމު ސިއްޙަތު ރަނގަޅުކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެންމެ ގުޅިގެން މަސައްކަތްކުރުމެވެ. އަދި މިއީ ވަރަށް ކާމިޔާބު މަހާސިންތާއެއްކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ.