ޚަބަރު

އައްޑޫސިޓީގައި 3 ފިހާރައަކުން ފޭރުނު މީހަކު ހައްޔަރުކޮށްފި


މޫނު ނިވާކޮށްގެން ހުރެ ތޫނުއެއްޗަކުން ބިރުދައްކައިގެން އައްޑޫ ސިޓީ، ހިތަދޫގެ 3 ފިހާރައަކުން ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހަކު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.ހެލްމެޓެއް އަޅައިގެން، މޫނު ނިވާކޮށްގެން ހުރެ ތަކުރާރުކޮށް ފޭރެމުން ދިޔަ 35 އަހަރުގެ ދިވެހި މި މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ އޮޕަރޭޝަން ފުލުހުންނާއި ތަޙުޤީޤު ޓީމުން ކުރި މަސައްކަތުން ރޭ އެގާރަ ގަޑި ސާޅީސް ފަހެއް ހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނެއެވެ.ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތޭގައި، މި މަހުގެ ސައުވީސް ވަނަ ދުވަހުގެ ރޭ ދިހަ ގަޑި ތިރީސް ހާއިރު، އައްޑޫ ސިޓީ، ހިތަދޫ، އާރިޒޯން ފިހާރައަށާއި، ފަންސަވީސް ވަނަ ދުވަހުގެރޭ ދިހައެއް ޖަހާކަށް ހާއިރު އައްޑޫ ސިޓީ، ހިތަދޫ، ރައިޒިންގ ސްޓާ ފިހާރައިގެ އިތުރުން ސައްބީސް ވަނަ ދުވަހުގެ މެންދުރު އެގާރަ ގަޑި ފަންސަވީސް  ހާއިރު އައްޑޫ ސިޓީ، ހިތަދޫ، އިމްޕާލާ ފިހާރައަށް ހެލްމެޓެއް އަޅައިގެން ވަދެ، އެ ތަންތަނުގެ ސޭޓުންނަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާ ފޭރިފައިވާ މައްސަލަތައް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ، އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާ ދިރިއުޅޭ ގެއާއި އެ ގޭގައި ހުރި ބައެއް ތަކެތި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ބައެއް ތަކެއްޗާއި ފައިސާގެ އިތުރުން، މޫނު ނިވާކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހެލްމެޓާއި، ބިރުދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށެވެ.މި މައްސަލަތައް އައްޑޫ ސިޓީ، ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.