ޚަބަރު

ނިއު ދިއްލީގައި ބަންދުކުރި ބައެއް ސްކޫލްތައް އަލުން ހުޅުވައިފި


ނިއުދިއްލީއަކީ ޖައްވު ނުސާފުވުމާއި ވައި ތަޣައްޔަރުވުމުގެ މައްސަލަ ދުނިޔޭގައި އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ. ޚާއްސަކޮށް ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހާއި ނޮވެމްބަރުމަހު ނިއު ދިއްލީއަށް މި މައްސަލަ ކުރިމަތިވާ މިންވަރު އިތުރުވެއެވެ. އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހު މި މައްސަލަ ބޮޑުވަނީ އަވަށްޓެރި ޕަންޖާބާއި ހަރިޔާނާގައި ގޮވާން ކަނޑާފައިވާ ދަނޑުތަކުގައިވާ ހުއިތައް އަންދައި، ސާފުކުރުމަށް ދަނޑުވެރިން ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން ނިއު ދިއްލީގައި އިންޖީނުލީ އުޅަނދުތައް އާދަޔާ ޚިލާފަށް ގިނަވުމާއި ކާރުޚާނާތަކުން ބޭރު ކުރާ ގޭސްތަކުގެ ސަބަބުންނާއި ވައި ހުރިގޮތުން އެ ސިޓީގައި ދުން ބޯވެ ދުމުގެ ބޯ ވިލާގަނޑެއް ޖައްވުގައި އޮންނަތާވަނީ ހަފުތާތަކެއްވެފައެވެ. މިއަހަރު ދުން ބޯވެ ވައި ތަޣައްޔަރުވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ފާއިތުވި 3 އަހަރު ތެރޭގައި ކުރިމަތިނުވާހާ ބޮޑަށްކަމަށް އެ ސިޓީގެ މަސްޢޫލުވެރިން ވިދާޅުވެއެވެ.

ނިއު ދިއްލީގައި އާދަޔާ ޚިލާފަށް ވައި ނުސާފުވުމުގެ ސަބަބުން އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙަތަށް ނުރައްކާވެ، ކެއްސުމާއި ލޯ ހިރުވުމާއި ކަރުތެރޭގައި އިންފެކްޝަން އުފެދުންފަދަ މައްސަލަތަކުގައި ހޮސްޕިޓަލްތަކަށްދާ ޢާއްމުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް މައްޗަށްގޮސްފައެވެ. އަދި ބައެއް ސްކޫލްތައް ބަންދުކުރި ނަމަވެސް މިހާރުވަނީ ހުޅުވާފައެވެ. ނިއު ދިއްލީ ސިޓީގެ ލޯކަލް ސަރުކާރުން ބުނީ ބުދަ ދުވަހުގެ ހެނދުނު ވައިގެ ޙާލަތު ކުޑަކޮށް ރަނގަޅުވުމުން ބައެއް ސްކޫލްތައް އަލުން ހުޅުވިނަމަވެސް ގިނަ ސްކޫލްތައް އަދިވެސްވަނީ ބަންދުކޮށްފައިކަމަށެވެ.

މިއާއެކު އިންޑިއާގެ ސުޕްރީމް ކޯޓުންވަނީ ޕަންޖާބާއި ހަރިޔާނާގެ ދަނޑުތަކުގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށާއި ވައި ތަޣައްޔަރުވުން ހުއްޓުވުމަށް މަގުޗާޓެއް އެކުލަވާލުމަށް ނިއު ދިއްލީއާއި ޕަންޖާބާއި ހަރިޔާނާގެ ލޯކަލް ސަރުކާރަށް އަމުރުކޮށްފައެވެ.

ވައިގެ ކޮލިޓީ އިންޑެކްސްއަށް ބަލާއިރު ރައްކާތެރި މިންވަރަކީ 60އެވެ. އެހެންނަމަވެސް، ނިއު ދިއްލީގެ ގިނަ ސަރަޙައްދުގެ ވައިގެ ކޮލިޓީ އިންޑެކްސް އަދިވެސް އުޅެނީ 500އަށްވުރެ މަތީގައިކަމަށް މަޢުލޫމާތު ލިބެއެވެ.

ވައި ތަޣައްޔަރުވުމުގެ ސަބަބުން ނިއު ދިއްލީގެ ލޯކަލް ސަރުކާރުންވަނީ މި ނޮވެމްބަރު މަހުގެ ފަނަރަވަނަ ދުވަހާ ހަމައަށް އާންމު ސިއްޙަތުގެ ކުއްލި ޙާލަތުވެސް އިޢުލާންކޮށްފައެވެ. މި ޙާލަތުގެ ދަށުން ނިއު ދިއްލީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރުން ހުއްޓުވާފައިވާއިރު އުޅަނދު ދުއްވާ މިންވަރު ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ. މިކަމަށްޓަކައި ނިއު ދިއްލީގެ ލޯކަލް ސަރުކާރުންވަނީ ނޮވެމްބަރު މަހުގެ ފަނަރައާ ހަމައަށް އެ ސިޓީގެ މަގުތަކުގައި ޕްރައިވެޓް ކާރުތައް ދުއްވޭނީ ލައިސެންސް ޕްލޭޓް ނިމޭ ނަމްބަރަށް ބަލާފައިކަމަށް ކަނޑައަޅާފައެވެ.

ވައި ތަޣައްޔަރުވުމުގެ މައްސަލަ ދިގުލައިގެންދާނަމަ ނިއު ދިއްލީގެ ރައްޔިތުންނަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރުވެސް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއިންވަނީ ދީފައެވެ.