ޚަބަރު

ސިފައިންގެ ތަމްރީނުތަކެއްގައި ޖެހި ވަޒަނެއް ފަތުރުވެރިއެއްގެ ގަޔަށް އަރައިފި


ކ. ގިރިފުށީގައި ސިފައިންގެ ތަމްރީނުތަކެއްގައި ބަޑި ޖަހަމުންދަނިކޮށް އެރަށުގެ ބޭރުގައި އޮތް ސަފާރީގައި ހުރި މީހެއް ގަޔަށް ވަޒަން އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ވަޒަން އަރާފައިވަނީ ސަފާރީގައި ހުރި ފަތުރުވެރިއެއްގެ ގަޔަށްކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެނާ ސީ އެމްބިއުލާންސްގައި މާލެ ގެންނެސް ޓްރީޓޮޕްގައި ފަރުވާދެމުން ގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފަތުރުވެރިޔާ ގަޔަށް އަރާފައިވަނީ ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ރިކޮސިޓް ވަޒަނެއްކަމަށެވެ. އަދި އެ ވަޒަން ދިޔައީ އެމީހާގެ ކަރުގައި ކޭތިލާފައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ސޯޝަލް މީޑިއާގައ ދައުރުވަމުންދާ ފޮޓޯތައް ފެންނަ ގޮތުން މި ވަޒަން އަރާފައިވަނީ މި މީހާގެ ކަނދުރާއަށެވެ. އަދި ކަނދުރާ ބެންޑޭޖްކޮށްފައިވާއިރު ވަޒަންއެރި މިހާގެ ސީރިއަސް ޒަހަމަތަކެއް ލިބިފައިވާ ހެނެއް ހިޔެއްނުވެއެވެ.


ގިރިފުށީގައި ޤާއިމްކުރެވިފައިވާ ފަޔަރިންގ ރޭންޖުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ސިފައިން ލައިވް ފަޔަރިން ފަރިތަކުރުންތަކެއް މިއަދު ކުރިއަށްގެންދިޔަކަމަށާއި ވަޒަން އަރާފާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ހުރި ގަޔަށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.

އެމްއެންޑީއެފުން ބަޑި ބޭނުންކޮށްގެން ތަމްރީނުތައް ކުރިޔަށް ގެންދާނަމަ އެކަން ދުރާލާ އިއުލާންކުރެއެވެ. މި ތަމްރީނުތަކުގެ މައުލޫމާތުވެސް އެމްއެންޑީއެފުން ވަނީ އާއްމުކޮށްފައެވެ.

ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނުތައް ކުރިޔަށޤ ގެންދާއިރު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އެންގުމަށް ރަތް ދިދައެއް ނަގައެވެ. ދިދަ ނަގާފައި ހުންނަ އިރު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ދަތުރުކުރަންޖެހޭނީ ރަށާ ވަކި ހިސާބެއް ދުރުންނެވެ.

ގިރިފުށީ ތަމްރީނުތަކެއްގައ ޖެހި ވަޒަނެއް އެ ރަށު ކައިރީގައި އޮންނަ ހިންމަފުށީ ގެއެއްގެ ދޮރަށްވެސް މީގެ ކުރިން އަރާފައިވެއެވެ.