ޚަބަރު

ކުރުދީ ހަނގުރާމަވެރިންނާއެކު އެމެރިކާއިން ދަނީ އަދިވެސް އަސްކަރީ ޙަރަކާތްތައް ހިންގަމުން: އުރުދުޣާން


ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގުގައި އެމެރިކާއާ ކުރުދީ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ވައިޕީޖީން އަދިވެސް ފޯރިމެރުމުގެ ޙަރަކާތްތައް ހިންގަމުންދާކަމަށް ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުން ވަނީ އެ ޤައުމާ ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޙަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރިން އެ ސަރަޙައްދުން ދުރަށް ދިއުމަށް ގޮވާލާ ތަފާތު ދެ އެއްބަސްވުމެއް އެމެރިކާއާ ރަޝިޔާއާއެކު ވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން މި ހަނގުރާމަވެރިން އެ ސަރަޙައްދުން މިހާރު ފައިބާފައިވާކަމަށް އެމެރިކާއާ ރަޝިޔާއިންވެސް ވަނީ ބުނެފައެވެ.

ތުރުކީވިލާތާއެކު މި ދެ ޤައުމުން މިފަދަ އެއްބަސްވުންތަކެއް ޤާއިމުކޮށްފައިވަނީ ސޫރިޔާގެ އިރު އުތުރުގައި މިދިޔަ މަހު ކުރުދީންނާ ދެކޮޅަށް ތުރުކީވިލާތުން ހިންގަމުން ދިޔަ އޮޕަރޭޝަން ހުއްޓުމަކަށް ގެނައުމަށް ތުރުކީން އެއްބަސްވުމާއެކުއެވެ. އެހެންނަމަވެސް އަންގާރަ ދުވަހު ތުރުކީގެ ޤާނޫނުހަދާ މަޖިލީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގުކައިރީގައި އަދިވެސް ކުރުދީ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދާކަމަށެވެ.

މީގެ އިތުރުން، އުރުދުޣާން ވިދާޅުވީ މިމަހު އެމެރިކާއަށް ކުރައްވާ ދަތުރުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމަވާކަމަށާ މިކަމުގައި ގޮތެއް ނިންމަވާނީ ޓްރަމްޕަށް ފޯނުކޯލެއް ކުރެއްވުމަށްފަހުކަމަށެވެ.