ވިޔަފާރި

ސަޕްލައި އެމްވީ- އޮންލައިން ވިޔަފާރިއަށް ފަހި ޕްލެޓްފޯމެއް


ގިނަ ބާވަތެއްގެ މުދާ އޮންލައިންކޮށް ގަނެވޭ ޕްލެޓްފޯމެއްކަމަށްވާ "ސަޕްލައި އެމްވީ" ތަޢާރަފްކޮށްފިއެވެ.

ސަޕްލައި އެމްވީއަކީ އޮންލައިން މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

ސަޕްލައި އެމްވީ ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާން ބައިވެރިވެވަޑައިގެންނެވިއެވެ.

"ސަޕްލައި އެމްވީ" އަކީ ތަފާތު އުފެއްދުންތެރި އީޖާދުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާރކެޓަށް ތަޢާރަފްކޮށް އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށާއި ކުދި ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމަށްޓަކައި، އުރީދޫ މޯލްޑިވްސްއިން ކާމިޔާބު ކަމާއެކު ނިންމާލި "ނިރު އެކްސެލަރޭޓަރ" ގެ ތެރެއިން އުފެދުނު ކުންފުންޏެކެވެ.

ވިޔަފާރިތައް ކުރިއެރުވުމަށް އޭރު އުރީދޫން ވަނީ އެކުންފުނިން ފަންޑުކުރާ ގޮތަށް ޕްރޮޕޯސަލް ހުށަހަޅާ ރަނގަޅު ޕްރޮޑަކްޓެއް، މާކެޓަށް ނެރުމުގެ ފުރުސަތު ނިރު އެލްސަލަރޭޓަރ އިން ހޮވުނު ޓީމުތަކަށް ދީފައެވެ. 'ސަޕްލައި އެމްވީ' އަކީ ނިރު އެކްސަލަރޭޓަރ އިން ހޮވުނު ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އުރީދޫ ސަޕްލައި އެމްވީއާއެކު ރާއްޖޭގެ އީކޮމާސް ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. ނަޖީބް ޚާން ވިދާޅުވީ އުރީދޫގެ އުއްމީދަކީ މި ޕްލެޓްފޯމަށް ދުނިޔޭގެ ބޮޑެތި ސަޕްލަޔަރުން މެދުވެރިކޮށް ބޮޑެތި ކުރިއެރުން ލިބިގެންދިއުންކަމަށެވެ.

ޕީއެސްއެމްނިއުސް އާއި ވާހަކަދައްކަވަމުން ސަޕްލައި އެމްވީގެ ކޯ ފައުންޑަރ ރާއިދް ވަލީދް ވިދާޅުވީ މި ޕްލެޓްފޯމަކީ އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް މާލެ އަންނަން ނުޖެހި ފަސޭހަކަމާއެކު ބޭނުންވާ ވަސީލަތްތައް އެއްތަނަކުން ލިބޭ ޕްލެޓްފޯމެއްކަމަށެވެ. ރާއިދް ވިދާޅުވީ ސަޕްލައި އެމްވީގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ވިޔަފާރިވެރިން ބޭނުންވާ ސާމާނު ވަގުތުން ވަގުތަށް ގަނެލެވޭނެކަމަށެވެ.

"ސަޕްލައި އެމްވީއަކީ ރާއްޖޭގެ ފުރަތަމަ ބީޓުބީ މާކެޓް ޕްލޭސްއެވެ. ސަޕްލައި އެމްވީގެ ބޭނުމަކީ ރަށްރަށުގެ ވިޔަފާރިވެރިންނަށް ވެސް މާލޭގެ ބޮޑެތި ސަޕްލަޔަރުންގެ މުދާތައް ފަސޭހައިން ގަނެލެވޭނެ ކަހަލަ ސިސްޓަމެއް އުފެއްދުން." ރާއިދް ވިދާޅުވިއެވެ.

ސަޕްލައި އެމްވީ މެދުވެރިކޮށް ކޮންސްޓްރަކްޝަން ދާއިރާގެ ސާމާނާއި ކެއިން ބުއިމަށް ބޭނުންކުރާ ސާމާނާއި ފަރުނީޗަރު އަދި އިލެކްޓްރޯނިކްސްގެ ވަސީލަތްތައް ލިބިގެންދާނެއެވެ. ސަޕްލައި އެމްވީގައި މިހާރު 36 ކުންފުނިން ރަޖިސްޓްރީވެފައިވާއިރު 2600 އަށް ވުރެ ގިނަ ޕްރޮޑަކްޓްސްތައް ގަނެވެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.

ސަޕްލައި އެމްވީ ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު މީގެ ތެރެއިން ދަނޑުވެރިކަމުންނާއި މަސްވެރިކަމުން އުފައްދާ ބާވަތްތައް ރިސޯޓުތަކަށް ވިއްކޭ ގޮތް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސަޕްލައި މޯލްޑިވްސްއިން ބުނެއެވެ.

މީގެ އިތުރުންވެސް މުދާ ޑެލިވަރކުރުމަށް 'ޕިކަޕް ސަރވިސް' އަކާއި އައު މުދަލުގެ މަޢުލޫމާތުދޭ 'ރެކޮމެންޑް ބޮޓް' އެއް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ސަޕްލައި މޯލްޑިވްސްއިން ބުނެއެވެ.