ޚަބަރު

އާމްދަނީން ޓެކްސްނަގަން ފެށުމަކުން ތަކެތީގެ އަގަށް ބަދަލެއް ނާންނާނެ - ފިނޭންސް


އަންނަ އަހަރު ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމަކުން މުދަލާއި ޚިދުމަތުގެ އަގުތަކަށް ބަދަލުތަކެއް އަންނާނެކަމަށް ލަފާނުކުރެވޭކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، އާމްދަނީން ނަގާ ޓެކުހުން 706 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރްޝަދު ޖަމީލް ވިދާޅުވީ، ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ރާއްޖެއިން ފަށަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ކުޑަ މިންވަރަކުންކަމަށެވެ. އަރުޝަދު ވިދާޅުވީ އާމްދަނީން ޓެކްސް ނަގަން ފެށުމަކުން މުދަލާއި ޚިދުމަތުގެ އަގު ބޮޑުވެގެން ނުދާނެކަމަށާއި، އާމްދަނީން ޓެކްސް ނަގަން ފަށަނީ އިޤްތިޞާދަށް އަންނާނެ ބަދަލާއި ރައްޔިތުންނަށް ދިމާވެދާނެ ކަންކަމަށް ބެލުމަށްފަހުގައިކަމަށެވެ.

މުދަލާއި ވިޔަފާރިން ނަގާ ޓެކްސް ޖީއެސްޓީ އާއި ބީޕީޓީ އެންމެ ފުރަތަމަ ނަގަން ފެށިއިރު އަގުތަކަށް އަސަރުކުރިކަމަށާއި، ނަމަވެސް އާމްދަނީން ޓެކްސް ނަގަން ފެށުމުން ވިޔަފާރިތަކަށްވެސް މާބޮޑު ބަދަލެއް ނާންނާނެކަންވެސް އަރްޝަދު ފާހަގަކުރެއްވިއެވެ.

"ޓެކްސް ނިޒާމަކީ ހަމަ ފުރަތަމަ އެންމެ ފުރިހަމައަށް ނެރެވޭނެ އެއްޗެއްނޫން. ގިނަ ޤައުމުތަކުގައި އެތައް ޒަމާނަކުން ބަދަލު ގެނެސްފައިވާއިރު އަޅުގަނޑުމެންގެ އާދައަކަށް ވާންޖެހޭނީ ދޭތެރެއަކުން މި ރިވައިސްކޮށް ކޮބައިތޯ ދަތިކަމަކީ އަދި ގެންނަންޖެހޭ ބަދަލުތަކަކީ." އަރްޝަދު ޖަމީލް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީން ނަގާ ޓެކުހުން 706 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވަނީ 40000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށް ރިޔާއަތްކޮށްފައިކަމަށްވެސް އަރުޝަދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ނާއިބު މުޙައްމަދު ފިރުޒުލް ޙުސައިން ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 7.5 އިންސައްތާގައި ހުރުމަކުން ޑޮލަރު ލިބުމުގައި ދަތިތަކެއް ނާންނާނެކަމަށެވެ.

" 2020 ގައި އިޤްތީޞާދީ ދުވެލި އާދަޔާއި ޚިލާފަށް ކުރިއަރާ 7.5 ގައި ދުވެލި ހުރުމުގެ ސަބަބުން ޑޮލަރުގެ ތާށިކަމެއް ނާންނާނެ. ސަބަބަކީ ގްރޯތު މި އަންނަނީ ފަތުރުވެރިކަމުގެ ތެރެއިންކަމަށްވެފައި ބަޖެޓް ޑެފިސިޓް 5.7 ހިސާބުގައި މެއިންޓެއިންވާނެ." މުޙައްމަދު ފިރުޒުލް ޙުސައިން ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 30 ބިލިއަން ރުފިޔާއެވެ. އަދި އާމްދަނީ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމާއި، ރިސޯޓު ހެދުމަށް އައު ރަށްތައް ދޫކުރުމާއި، ބިދޭސީ މުވައްޒަފުންގެ ކޯޓާ ވިއްކުމާއި ވޯކް ޕާމިޓް ފީއަށް ބަދަލު ގެނައުމުގެ އިތުރުން އެއަރޕޯޓް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީނަގާ އުސޫލަށް ބަދަލު ގެނައުން ހިމެނެއެވެ.