ޚަބަރު

ޗައިނާގެ އިންޕޯޓް އެކްސްޕޯގައި ރާއްޖޭގެ އުފައްދުންތައް


ދެވަނަ ޗައިނާ އިންޓަރނޭޝަނަލް އިންޕޯޓް އެކްސްޕޯގައި ރާއްޖޭގެ ޕެވީލިއަންގައި ދިވެހި އުފެއްދުންތައް ދައްކާލަމުން އެބަދެއެވެ.
މިމަހުގެ ފަހަކުން ދިހައަކަށް ޝަންހާއީ ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ ޗައިނާ އިންޓަރނޭޝަނަލް އިންޕޯޓް އެކްސްޕޯގައި ރާއްޖޭގެ ހަތަރު ކުންފުންޏަކުން ދަނީ ބައިވެރިވަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ރާއްޖޭގެ ޑިޒައިނާ ރައިދާސް މޯލްޑިވްސްގެ އެންމެ ފަހުގެ އުފެއްދުންތަކާއި، ރިޒޯޓުތަކަށް ހާއްސަ ސްކިންކެއަރ އުފެއްދުންތަށް ތައްޔާރުކުރާ “މަޖޯއީ މޯލްޑިވްސް”ގެ އުފެއްދުންތަކާއި، ހޮރައިޒަންގެ މާންދޫ މަސް ދަޅުގެ އުފެއްދުންތަކާއި ގަހަނާއާއި ކުދި އެހެނިހެން ސާމާނު އުފައްދާ އަމިއްލަ ކުންފުނި “ތަކެތި”ގެ އުފެއްދުންތަށް މިއެކްސްޕޯގައި ދައްކާލަން ވަނީ ބަައްޓާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑައިރެކްޓަރ އިންވެސްޓަރ ރިލޭޝަންސް ސާދާ މުހައްމަދު ވިދާޅުވީ މިދިޔަ އަހަރު މިއެކްސްޕޯގައި ބައިވެރިވީ މަސްވެރިކަންކުރާ 9 ކުންފުންޏަކުން ނަމަވެސް މި އަހަރު ރާޢްޖޭގެ އެކި ކުންފުނިތަކުން އެކްސްޕޯގައި ބައިވަރިވަމުން އަންނަކަމަށެވެ. ރާއްޖެއިން މި އެކްސްޕޯގައި ބައިވެރިވަނީ ދިވެހި އުފެއްދުންތައް ބޭރަށް ތައަރާފުކުރުމާއި ، ހާއްސަކޮށް ޗައިނާގެ މާކެޓް ހޯދައިދިނުމަށްކަމަށެވެ. އަދި މިޕެވީލިއަން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާވެސް އިޝްތިހާރުކުރުމަށް ހަރަކާތްތަކެއް ކުރިޔަށް ގެންދާކަންވެސް ސާދާ މުހައްމަދު ފާހަގަކުރެއްވިއެވެ.

130 ޤައުމެއްގެ ބައިވެރިވުމާއިއެކު ކުރިޔަށްދާ ޗައިނާ އިންޓަރނޭޝަނަލް އިންޕޯޓް އެކްސްޕޯއަކީ ޗައިނާގެ މާކެޓަށް ބޭރުގެ އުފެއްދުންތަށް ގެނައުމަށް، އަދި ބޭރު ޤައުމުތަކުގެ ކުންފުނިތަކުން ޗައިނާގައި އިންވެސްޓްކުރުމަށް މަގުފަހި ކޮށްދިނުމަށް ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މިއެކްސްޕޯއަށް ފައްސަތޭކަ ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ޗައިނާގެ ކޮމާސް މިނިސްޓްރީ އަދި ޝަންހާއީގެ މުނިސިޕަލް ސަރުކާރުން ބުނެއެވެ.