ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް އަންހެނުންގެ ޤައުމީ ޓީމް ބަންގްލަދޭޝަށް ފުރައިފި


އޭވީސީ ސީނިއާ ވިމެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމް ބަންގްލަދޭޝަށް ފުރައިފިއެވެ.

ޓީމް ބަންގްލަދޭޝްއަށް ފުރުމުގެ ކުރިން ގްރޭޓާ މާލެ ބަސް ޓާމިނަލްއިން ޓީމަށް ހިތްވަރުދެއްވީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިބްރާހީމްއެވެ.

އަންނަ ހޮނިހުރު ދުވަހު ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަރުގަދަ ކިރިގިސްތާނާދެކޮޅަށް ނިކުންނަންޖެހޭއިރު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުންވަނީ ސާބިއާގެ ދެކޯޗުންނާއެކު ޚާއްސަ ފަރިތަކުރުންތަކެއްވެސް ފުރިހަމަކޮށްފައެވެ.

ބަންގްލަދޭޝަށް ފުރުމުގެކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަވަމުން ޓީމުގެ ކޯޗް އަޙްމަދު އަދީލް ބުނީ، މުބާރާތުގެ ކުރިން ޓީމް އެއްކޮށް ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މަސައްކަތްކުރިން ކަމަށާއި ނަމަވެސް ދިމާވި ބައެއް ކަންތައްތަކަކާއި ގުޅިގެން އެކަން ނުވީކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސާބިއާގެ ދެކޯޗުންނާއިއެކު ޚާއްސަ ފަރިތަކުރުންތަކެއް ފުރިހަމަކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް އަދީލް ބުންޏެވެ.

ކޯޗް އަހުމަދު އަދީލް ބުނީ، ސާބިއާގެ ދެކޯޗުންނާއެކު ކުރެވުނު ފަރިތަކުރުންތަކަކީ މުބާރާތުން މެޑަލެއް ހޯދަން އަމާޒު ހިފާފައި ވާއިރު، އަމާޒަށް ވާސިލްވާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެ ފަރިތަކުރުންތަކުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށްވެސް ވަރަށް ބައިވަރު ކަންތައްތަކެއް ދަސްވެގެންދިޔަކަމަށެވެ.

"އެންމެ ފުރަތަމަ މަސައްކަތް ކުރުން ކޭމްޕް ކޮށްގެން މެޗުތަކެއް ކުޅެން، އެކަމު ދެން ދިމާވި ބައެއް ކަންކަމާއިހުރެ އެކަން ނުވީ، އެކަމަކު ސާބިއާގެ ކޯޗުންނާއިއެކު ކުރިއަށްގެނދިޔަ ފަރިތަކުރުންތަކާއި އެކު ވަރަށް ބޮޑަށް ހިތްހަމަޖެހިފަ މުޅި ޓީމުވެސް ތިބީ، އެ ފަރިތަކުރުންތަކުގެ ސަބަބުން ވަރަށް ފައިދާކުރާނެ، އެއީ މެޑަލްއަކަށް ވާސިލްވާން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް" ކޯޗް އަދީލް ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝާއި ނޭޕާލް އާއި ކިރިގިސްތާނާއި އަފްޣާނިސްތާނެވެ.