ކުޅިވަރު

ކުޅުންތެރިންގެ ފަރާތުން ކުރިއެރުން އަންނަނީ ފެންނަމުން: ޤުރައިޝް


ތައިލެންޑްގައި މިހާރު ތަމްރީން ކުރަމުން އަންނަ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތަކެއް ފެންނަމުން އަންނަ ކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު ޤުރައިޝް އަފްރާހް ބުނެފިއެވެ.

ކުރިޔަށްއޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކޭމްޕްކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މި ކޭމްޕްގައި ތައިލެންޑްގެ 2 ޔުނިވާސިޓީއަކާއި އެ ޤައުމުގެ އަންހެން ޤައުމީ ޓީމާއި ދެކޮޅަށް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިންގ ކޭމްޕްގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖެ ނުކުތީ ތައިލެންޑް ޔުނިވާސިޓީ ޗެމްޕިއަން ސިރްޕަތުމް ޔުނިވާސިޓީއާއި ދެކޮޅަށެވެ. މި މެޗުން ރާއްޖެ ބަލިވީ 77 ޕޮއިންޓް 49 ޕޮއިންޓްއިންނެވެ. ނަމަވެސް ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރަންގްސިޓް ޔުނިވާސިޓީގެ މައްޗަށް ރާއްޖެއިން ވަނީ ކުރި ހޯދާފައެވެ.

މި ދެ މެޗަށްފަހު ވާހަކަ ދައްކަމުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު ޤުރައިޝް އަފްރާހް ބުނީ، މެޗަކަށްފަހު މެޗެއްގައި ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތައް ފެންނަމުން އަންނަކަމަށާއި، އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ވަރުބަލިކަމުގެ ނިޝާނެއް ނުފެންނަކަމަށެވެ. އަދި ކުޅުންތެރިންގެ ޓީމް ވޯކާއި އިންޑިވިޖުއަލް ހުނަރުވެސް ރަނގަޅުކަން ޤުރައިޝް ފާހަގަކުރިއެވެ.

ކޭމްޕްގައި ކުޅުނު ދެވަނަ މެޗާއި ގުޅޭގޮތުން އޭނާ ބުނީ، ފުރަތަމަ މެޗާއި ދެވަނަ މެޗުގައި ކުޅުންތެރިން ފަރާތުން ފެނުނު ކުޅުން ވަކި ތަފާތެއް ނެތްކަމަށާއި، މި މެޗުގައި ދިމާވި މައްސަލައަކީ ކޯޓުގެ ފްލޯއަށް ކުޅުންތެރިން ރަނގަޅަށް ނުހޭނުންކަމަށެވެ.

"އިމްޕްރޫވްމަންޓް އާދެޔޭ އަޅުގަނޑު ދަންނަވާނީ. އެއްވެސް މެޗަކަށްފަހު ވަރުބަލިކަމެއް ނުފެނޭ ކުޅުންތެރިންގެ ފަރާތުންނެއް. އިންޑިވިޖުއަލީ އަދި ޓީމް ވޯކްވެސް ވަރަށް ރަނގަޅު. މި މެޗުގައި ކުޅުންތެރިންގެ ޕާފޯމަންސް ވަރަށް ރަނގަޅު ވަކި ތަފާތެއް ނެތް ކުރި މެޗާއި ބަލާއިރު. ދެން މިއަދު އަޅުގަނޑުމެނަށް ދިމާވި މައްސަލައަކީ ކޯޓުގެ މައްސަލަ." ޤުރައިޝް ބުންޏެވެ.

މިމަހުގެ 1 އިން 10 ގެ ނިޔަލަށް ތައިލެންޑްގައި ޤައުމީ ޓީމު މި ކުރާ ކޭމްޕްގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށެވެ.