ޚަބަރު

ޤާޟީ ޙައިލަމަށް ހަމައެނގިވަޑައި ނުގަތީތޯ ނޫނީ ... ؟


އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ހުކުމް އިއްވަން އެންމެ 1 ދުވަހަށް ވެފައިވަނިކޮށް، މިމައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓްގެ އިސްޤާޟީ މިހެއްދެވީ ކިހިނެއްބާއެވެ؟

ދައުލަތުގެ ވެރިންނަށް ނިސްބަތްވާގޮތަށް ސޯޝަލް މީޑިޔާގައި ދައުރުވި ބޭއަދަބީ ފޮޓޯއެއް ޤާޟީ ނިސްބަތްވެވަޑައިގެންނެވި، ކޯޓުގެ ވައިބާ ގްރޫޕަކަށް ލާންޖެހުނު ސަބަބާއިމެދު ސުވާލު އުފެދެއެވެ. އެފޮޓޯ ނުވަތަ ކުރެހުމަކީ ވަރަށް އާދައިގެ މީހަކަށްވެސް ދޭހަވާފަދަ "ތިލަ" ކުރެހުމެކެވެ. އޭގައި ދައްކުވައިދީފައިވާ ވާހަކަތައް ވިސްނިވަޑައި ގަންނަވާވަރަށްވުރެ އިއްޒަތްތެރި ޤާޟީގެ ވިސްނުންފުޅު ކޮށީތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ނުވަތަ ހަމަ ސޯޝަލް މީޑިއާއިން އެއްޗެއް ފެނިވަޑައިގަންނަވާއިރަށް ބައްލަވާލެއްވުމެއްނެތި ތަންތަނުގައި ޝެއަރކުރައްވަނީތޯއެވެ؟

ފޮޓޯ ޝެއަރކުރެއްވުނީތީ ޤާޟީ މަޢާފަށް އެދިވަޑައިގަތުން

ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހަކީ ރައީސް ޔާމީންގެ މައްސަލައިގެ ޙުކުމްކުރަން ތާވަލްކޮށްފައި އޮތްދުވަހެވެ. އޭގެ އެއްދުވަސްކުރިން ޤާޞީ ހައިލަމް ޝެއަރކުރެއްވި މިފޮޓޯއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ "އޮއްވަޅު" ނަމަކަށް ކިޔާ ފޭސްބުކް ޕޭޖަކުން ޢާއްމުކުރި ޕޯސްޓެކެވެ. އެފޮޓޯގައި އެޕޭޖުގެ ލޯގޯވެސް ހުއްޓެވެ. މިދެންނެވި ޕޭޖުގައި މުޅިންވެސް ހުންނަނީ މިސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމްޑީޕީއަށް ފާޑުކިޔާފައި ހުންނަ ޕޯސްޓުތަކެވެ.

މިފަދަ ޕޯސްކޮށްފައިވާ ފޮޓޯއަކަށްވާއިރު، ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް ޤާޒީ ހައިލަމް މި ފޮޓޯ ބޭނުންކުރެއްވުނީ އޮޅުމަކުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހި ރައްޔިތުންގެ ކިބައިން ހައިލަމްވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އޭނާ ވަނީ މި ފޮޓޯ ވައިބާ ގްރޫޕްގައި ޝެއާކުރިއިރު ފޮޓޯގައި ތިބީ ކޮންބައެއްކަން އެގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ހަމަ ހަގީގަތެއްތޯވެސް ސުވާލު އުފައްދައެވެ.

އެހެންކަމަށްވާނަމަ ފޮޓޯގެ މައްސަލަ ބޮޑުވެ އެތައްބަޔަކު ސޯޝަލް މީޑިއާގައި މިވާހަކަ ދައްކަމުންދިޔާ 24 ގަޑިއިރަށްވުރެ ގިނައިރުވީއިރުވެސް ހައިލަމް އެއްޗެއް ވިދާޅުނުވެ ހުންނެވީ ކީއްވެ ބާވައެވެ. ބަޔާނެއް ނެރުއްވުން އެހާ ލަސްވީ ކީއްވެހެއްޔެވެ؟ މިވެސް އުފައްދަމުން އަންނަ ސުވާލުތަކެވެ.

ޤާޟީ ހައިލަމް ޝެއާކުރެއްވި ފޮޓޯގައި ތިބީކޮންބައެއްކަން ނޭނގޭ ބޭފުޅަކަށް މުޅި ޤައުމުގައިވެސް ހުންނެވީ ހައިލަމް އެކަނިކަމަށް ވެދާނެއެވެ. އެފޮޓޯ ދުށް އެހެން އެއްވެސް މީހަކު ޤާޟީ ހައިލަމް ވިދާޅުވިހެން އެއީ ކޮންބައެއްކަން ނޭނގިގެން އެވާހަކައެއް ނުދައްކައެވެ.

ރިޝްވަތުގެ ތުހުމަތު

ކޮންމެއަކަސް ހައިލަމް މިކުރެއްވީ ޤާޟީއަކު ކުރައްވައިގެން ވާނެފަދަ ކަމެއް ނޫންކަމަށް އެތައްބަޔަކު ބުނެއެވެ. މިމައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވަމުންދެއެވެ. މިމައްސަލަގަނޑުގެ ތެރެއިން އުފެދުނު ބަޙުސްގައި ބަޔަކުވަނީ ޤާޟީ ހައިލަމަށް ބޮޑެތި ތުހުމަތުތަކެއްވެސް ކޮށްފައެވެ. މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުންވަނީ ރައީސް ޔާމީންގެ ޝަރީޢަތް ވަކިގޮތަކަށް ގެންދިއުމަށް ހައިލަމް 2 މިލިޔަނަށްވުރެގިނަ ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ހައިލަމްވަނީ އެކަން ދޮގުކުރައްވައި އޭނާ އެފަދަ ކަމެއް ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ހައިލަމްގެ ދިފާއުގައި އިދިކޮޅު މެމްބަރުން

މައްސަލަ ހޫނުވުމާއެކު ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ނުރުހުމާއި ފާޑުކިއުން ޤާޟީ ހައިލަމަށް ވަރަށްބޮޑަށް އަމާޒުވިއެވެ. އެއާއެކު އޭނާގެ ދިފާޢުގައި ވާހަކަދައްކަންފެށީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެދެޕާޓީއަށް ނިސްބަތްވާ މީހުންނެވެ.

ހައިލަމްގެ ޢަމަލަކީ ޤާޟީއެއްގެ ސުލޫކާ ޚިލާފު ޢަމަލެއްކަމަށް އެންމެވެސް އިއްތިފާގުވެއެވެ. އެހެންނަމަވެސް ހައިލަމްގެ ޢަމަލު ކުށްވެރިކުރުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ވަނީ ވަރުގަދައަށް ހައިލަމް ދިފާޢުކޮށްފައެވެ. މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ހައިލަމްގެ ދިފާއުގައި ވަރަށް ވަރުގަދައަށް އިދިކޮޅު މެމްބަރުން އަޑުއުފުލާފައިވެއެވެ. އަދި ހޯމަދު ދުވަހުގެރޭގައި ޕީޕީއެމް އޮފީސް ދޮރުމަތީގައިވެސް ހައިލަމްގެ ދިމާފާއުގައި މުޒާހަރާވެސް ވަނީކޮށްފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މިމައްސަލާގައި ރައީސް ޔާމީންގެ ޝަރީއަތް ހިނގާތާ އެތައް ދުވަހެއްވީއިރުވެސް ނުކުރާ މުޒާހަރާއެއް ފާޅުނުކުރާ ޝުއޫރުތަކެއް ކުއްލިއަކަށް އެމައްސަލަ ބަލާ ޤާޟީގެ ދިފާޢުގައި ކުރަންޖެހުނީ ކީއްވެތޯ މިވެސް ސުވާލަކަށްވަނީ ވެފައެވެ.

ހައިލަމް އައްޔަންކުރީ ކޮންއިރަކު؟

ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުންނެވި އަބްދުލްބާރީ ޔޫސުފް 2017ވަނަ އަހަރު ޖުވެނައިލް ކޯޓަށް ބަދަލުކުރި ފަހުން 2018ވަނަ އަހަރުގެ މެއިމަހުގެ ނިޔަލަށް އެ ކޯޓު ހިންގަމުން ގެންދެވީ ގާޟީ އާދަމް އާރިފެވެ. ނަމަވެސް 2018ވަނަ އަހަރުގެ މެއިމަހުގެ 28ވަނަ ދުވަހުން ފެށިގެން ޖޭއެސްސީންވަނީ ކްރިމިނަލްކޯޓްގެ އިސްޤާޟީގެ މަޤާމް ހައިލަމް އައްޔަންކޮށްފައެވެ. ޤާޟީ ހައިލަމް އައްޔަން ކުރެއްވިފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ އެތައް ފަރާތްތަކާއި، އިކޮޅު ލީޑަރުންނަށް ފުލުފުލުގައި ހުކުމްކޮށް، ޝަރީޢަތެއް ނުވެސް ފަށާ، ތަހްޤީގެއްވެސް ނުފަށާ ތިބި އެތައްބައެއްގެ ބަންދުގެ މުއްދަތު ދިގުމުއްތަކަށް ޖަހައިދެއްވާފައިވަނީ ޤާޟީ ހައިލަމެވެ.

މިއާއެކު ޤާޟީ ހައިލަމް އެކޯޓަށް ޢައްޔަން ކުރެއްވީ ރައީސް ޔާމީން ބޭނުންވާ ސިޔާސީ ވަކި މަޤުސަދެއް ޙާސިލްކުރައްވަންކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް، ހައިލަމް ސަސްޕެންޑް

އެމްއެމްޕީއާރުސީގެ މަނީލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއްނިމި ހުކުމްކުރުމަށް ހަމަޖެހުނު ދުވަހަކީ އަންގާރަދުވަހެވެ. ގަސްތުގައި ނަމަވެސް ނޭގިގެން ނަމަވެސް ޤާޒީއެއްގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ޚިލާފަށް އަމަލެއް ކުއްލިއަކަށް އުފަންވި ސަބަބެއްވެސް އޮންނާނެކަމަށް ދެކޭ މީހުން މަދެއްނޫންނެވެ.

2018ވަނަ އަހަރުން ފެށިގެން ޤާޟީ ހައިލަމް ކުރައްވާފައިވާ ހުކުމްތަކާއި، ނިންމާފައިވާ ނިންމުންތަކާއިމެދު ސިޔާސީ ފަރާތްތަކާއި ޢާންމު ގިނަ ރައްޔިތުންގެ ކަންބޮޑުވުންވެސް ތަކުރާރުކޮށް ދިޔައީ ފާޅުކުރަމުންނެވެ. މިހުރިހާ ކަމަކާއި ހުރިހާ ސަބަބުތަކަށްޓަކައި ހައިމްއަށް ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުކުމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ދެކޭބަޔަކުވެސް މަދެއްނޫނެވެ.

ޤާޟީއެއްގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ޚިލާފްކަންތައްތަކަކީ ކޮބައިކަން ކޮންމެ ޤާޟީއަކަށްވެސް އެގިވަޑައިގަންނަވާނެއެވެ. ސުލޫކީ މިންގަނޑުތަކާއި ޚިލާފްވުމުން ޤާޒީންގެ ކަންކަން ބެލުމަށް މަތިކޮށްފައިވާ ފަރާތަކީ ޖުޑިޝަލް ސާވިސް ކޮމިޝަނެވެ. ހައިލަމް ހިންގެވި ޢަމަލަކީ މިއަދު އެހެން ޤާޟީއަކު ހިންގެވި އަމަލެއްކަމަށް ވާނަމަވެސް މިފަދަ މައްސަލަތަކުގައި ޖޭއެސްސީން އަމަކުރަންޖެހޭ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭނެއެވެ.

މިހާރު އުފެދޭ ސުވާލަކީ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީއަތައް ދެންވާނީ ކިހިނެއްތޯއެވެ. ހަމަގައިމުވެސް ޙުކުމް ކުރާނެ ދުވަހެއް ހާމަކުރުމެއްނެތި ޝަރިޢަތް ލަސް ވެއްޖެއެވެ. މިހުރިހާކަމެއް މިހެން ހުރިމާއެކު، މިއީ މިމައްސަލައިން ރެކިވަޑައިގެން ދުރުގައި ހުންނެވުމުގެ ބޭނުމުގައި ޤާޟީ ހައިލަމް ގަސްތުގައިކުރެއްވިކަމެއް ނޫންބާއޭވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. ނުވަތަ ރައީސް ޔާމީނަށް ހުކުމެއް ކުރައްވަން ބޭނުންފުޅު ނުވާތީ ކުރެއްވި ކަމެއްކަމަށް ބުނާ މީހުންވެސް މަދެއް ނޫންނެވެ.