މުނިފޫހިފިލުވުން

އަކްޝޭގެ ފުރަތަމަ ވީޑިއޯ ލަވައިގައި ކްރިތީގެ ކޮއްކޮ


ހިޓަކަށްފަހު ހިޓެއް ދެމުން އައިސް މަޝްހޫރު އެކްޓަރ އަކްޝޭ މިހާރު މިވަނީ އޭނާގެ ފުރަތަމަ މިއުޒިކް ވީޑިއޯއަށް ތައްޔާރުވެފައެވެ.

އަކްޝޭވަނީ އެނާގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރު ފޭނުންނަށް ދައްކާލަފައެވެ. " ފިލްހާލް" ގެ ނަމުން ނަން ދީފައިވާ މި ލަވައިގައި އަކްޝޭއާއި އެކޮށް ފެންނަނީ ނުޕުރް ޝެނޯންއެވެ. އޭނާއަކީ އަކްޝޭގެ އެންމެ ފަހު ފިލްމު "ހައުސްފުލް 4" ގައި ކޯ ސްޓަރގެ ގޮތުގައި ފެނުނު ކްރިތީ ޝެނޮންގެ ކޮއްކޮއެވެ.

އަކްޝޭގެ މި ލަވަ ކިޔާދީފައިވަނީ ޕަންޖާބީ މިއުޒީޝަނެއްކަމަށްވާ ބީ ޕަރާކްއެވެ. ޕަރާކްއަކީ އަކްޝޭ ދާދި ފަހުން ފެނުނު ފިލްމް " ކޭސާރީ" ގެ ތޭރީ މިއްޓީ ކިޔާދީފައިވާ ލަވަކިޔުންތެރިޔާއެވެ. މި ލަވަ ޑައިރެކްޓްކުރަނީ އަރްވިންދު ކައިރާއެވެ.

އަކްޝޭއާއި ނުޕުރް ޝެނޯންގެ އިތުރުން ޕަންޖާބު އެކްޓަރ އެމީ ވާކްވެސް މި ލަވައިން ފެނިގެންދާނެއެވެ.

އަކްޝޭ އެންމެ ފަހުން ނުކުތް "ހައުސްފުލް 4" އަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އަކްޝޭ އަންނަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ.