ޚަބަރު

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ މައުލޫމާތު ޙިއްސާކޮށްފިން - ޢަބްދުﷲ ރިޔާޒް


ރަޙުމުކުޑަގޮތަކަށް އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢާލީ އަވަހާރިކޮށްލި މައްސަލާގައި ލިބިފައިވާ މަޢުލޫމާތު، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނާ މިއަދު ޙިއްސާކުރައްވާފައިވާކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވީ ޢަބްދުﷲ ރިޔާޒެވެ. ޢަބްދުﷲ ރިޔާޒު ވިދާޅުވީ މިމައްސަލާގައި އޭނާއަށް އެނގިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތެއް ކޮމިޝަނާ ހިއްސާ ކުރައްވާފައިވާނެކަމަށާ، އަދި މިމައްސަލާގައި ކޮމިޝަންގެ މެމްބަރުން ކުރެއްވި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާފައިވެސް ވާނެކަމަށެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ފުލުހުން ތަހްޤީޤުކުރަމުން ދިޔައިރު، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ޙައިސިއްޔަތުން ޢަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ މިޖަރީމާ ހިންގުމުގެ އަޑީގައި ތިބިބަޔަކު ހޯދުމަށްޓަކައި ނުފުރޮޅާނެ އެންމެ ގާކޮޅެއްވެސް ނުބާއްވާނެކަމަށެވެ. އެހެންނަމަވެސް ޢަބްދުﷲ ރިޔާޒު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ދުރަށް ވަޑައިގަތުމާ ހަމައަށްވެސް މިކަމުގެ އަޑީގައިތިބި ބަޔަކު ހޯދިފައެއް ނުވެއެވެ.

އޭގެފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުގެގޮތުގައި ހުންނަވައި ޢަބްދުﷲ ރިޔާޒު ވިދާޅުވީ، މިޖަރީމާ ހިންގުމާގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާކަމަށާ، އެކަން ހާމަކުރަންޖެހޭ ވަގުތު ޖެހުމުން އެކަން ހާމަކުރައްވާނެކަމަށެވެ. އޭގެފަހުން ސަރުކާރު ބަދަލުވެ އަހަރެއްވެގެންދާއިރުވެސް ޢަބްދުﷲ ރިޔާޒު އެވިދާޅުވި މުހިންމު މަޢުލޫމާތެއް ހާމައެއް ނުކުރައްވައެވެ.

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ ތަފްސީލް ދެހަފްތާހެއްހާ ދުވަހުގެ ތެރޭގައި ހާމަކުރައްވާނެކަމަށް، މިދިޔަ މަހުގެ 2 ވަނަ ދުވަހު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއްސުއޫދުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިމައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކޮމިޝަންނުންދަނީ މިކަމުގެ މައުލޫމާތު ލިބިފައިވާ ބައެއްފަރާތްތަކާއި ސުވާލުކުރަމުންކަމަށް ފަހުންވަނީ ހާމަކުރައްވާފައެވެ.

މިދިޔަ މަހުގެ 2 ވަނަ ދުވަހު ސުޢޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މީހުންނާއި އެކަން ރޭވި މީހުންގެ ތަފްސީލް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާމަކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. ޑރ.އަފްރާޝީމަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވަނީ 2012ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 2ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.