ކުޅިވަރު

މިނިސްޓަރ މަޚްލޫފް އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި


އަންނަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގެން ކުޅުންތެރިންނަށް ހިތްވަރުދެއްވައިފިއެވެ.

މުބާރާތުގައި ވާދަކުރުމަށް ސާބިއާގެ ދެކޯޗުންނާއެކު ޤައުމީ ޓީމުން އަންނަނީ މާލޭގައި އެންމެ ފަހުގެ ތައްޔާރީތަށްވަމުންނެވެ. ޓިމާ ބައްދަލުކުރައްވައި ފަރިތަކުރުންތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ، ދިވެހި ވޮލީބޯޅައަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން މުބާރާތަށް ކުޅުންތެރިން ތައްޔާރުވުމުގައި އެތައް ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހުނުކަމަށާ، ނަމަވެސް އަދިވެސް ޓީމް ފެންނަނީ ވަރަށް މޯޓިވޭޓްކޮށް ކަމަށެވެ. އަދި ކުޅުންތެރިންގެ ހިތްވަރަށް ބަލާފައި މުބާރާތުން ރާއްޖެއަށް މެޑަލެއް ގެންނާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސާބިއާގެ ކޯޗުން ގެނައުމުގެ މަސައްކަތް އެއްކޮށް ނިންމައި ކޯޗު މާލެ ގެނެވޭވަރުވީ އުންމީދުކުރި ވަރަށްވުރެން މާލަހުން ކަމަށާ، އެހެންކަމުން ކުރިއަށްމިއޮތް ސެންޓްރަލް ޒޯން މުބާރާތާއި ސައުތް އޭޝިއަން ގޭމްސްގައި އެންމެ ރަގަނޅު ނަތީޖާއެއް ނުނެރެވިދާނެކަމަށް ގަބޫލުރކަމަށެވެ. ނަމަވެސް އަހަރެއްހާދުވަސް ކޯޗާއިއެކު މަސައްކަތް ކޮށްފިނަމަ ދިވެހި ވޮލީއަށް ބޮޑު ކުރިއެރުމެއް ގެނެވޭނެކަމާއިމެދު ޝައްކު ނުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެ ބޭނުންވީ އައި.އޯ.އައި.ޖީ މުބާރާތް ނިންމާލުމަށްފަހު ކޯޗް ގެންނަން ކަމަށާއި، ނަމަވެސް މިހާބޮޑަށް ލަސް ވެގެންދިޔައީ ވޮލީބޯޅައަށް މިހާރު ދިމާވެގެންއުޅޭ މައްސަލައިގެ ސަބަބުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ބޭނުންވިވަރަށްވުރެ މާލަހުން އަސްލު ސާބިއާގެ ކޯޗް މިގެނެވުނީ، އެހެންވީމަ ގަބޫލުކުރަން އެންމެ ބޭނުންވާ ނަތީޖާ މިމުބާރާތުން ނުގެނެވިދާނެކަމަށް، އެކަމު ކުޅުންތެރިން ތިބީ ވަރަށް މޯޓިވޭޓެޑްކޮށް، އެހެންވީމަ އަޅުގަނޑުމެންވެސް މި އުންމީދުކުރަނީ މިމުބާރާތުން މެޑަލްއެއް ގެނެވޭނެކަމަށް." މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

އަދި ސާބިއާ ކޯޗުންނަށް މަހެއްގެ މައްޗަށް އެއް ލައްކަ ފަންސާސް ހާސް ރުފިޔާގެ ބޮޑު ޚަރަދެއް ކުރާކަމަށާއި އޭގެ ބަދަލު ސަރުކާރުން ބޭނުންވަނީ މެޑަލްއިން ކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.