ޚަބަރު

އޭޝިއަން ޝޫޓިންގ ކޮންފެނޑެރޭޝަންގެ އެގްޒެކްޓިވް ބޯޑުގެ މެންބަރުކަމަށް މޭޖަރ ޖެނެރަލް ރިޓަޔާޑް މުޙައްމަދު ޒާހިރު އިންތިޚާބުކޮށްފި


އޭޝިއަން ޝޫޓިންގ ކޮންފެނޑެރޭޝަންގެ އެގްޒެކްޓިވް ބޯޑުގެ މެންބަރުކަމަށް ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޭޖަރ ޖެނެރަލް ރިޓަޔާޑް މުޙައްމަދު ޒާހިރު އިންތިޚާބުކޮށްފިއެވެ.

މޭޖަރ ޖެނެރަލް ރިޓަޔާޑް މުޙައްމަދު ޒާހިރު ޢައްޔަންކުރައްވާފައިވަނީ ކުރިއަށް އޮތް 04 އަހަރު ދުވަހުގެ މުއްދަތަށެވެ. މިއީ އެ ބޯޑަށް އެމަނިކުފާނު އިންތިޚާބުވި ދެވަނަ ފަހަރެވެ.

އޭޝިއާގެ ޝޫޓިންގ މައި އިދާރާ ކަމަށްވާ އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަން "އޭ.އެސް.ސީ" ގެ އެގްޒެކެޓިވް ބޯޑްގެ މަޤާމްތަކަށް މެންބަރުން އިންތިޚާބް ކުރުމަށް، ބޭއްވި "ޖެނެރަލް އެސެންބްލީ"ގައި، އެގްޒެކެޓިވް ބޯޑުގެ ހުރިހާ މަޤާމްތަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އެގޮތުން 02 ނޮވެންބަރ 2019 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 04 އަހަރަށް އޭއެސްސީގެ ޕްރެޒިޑެންޓް ގެ މަޤާމަށް ހޮވިފައިވަނީ ކުވޭތުގެ އަމީރު ޝޭޚް ސަލްމާން އަލް ޞަބާހާއެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިފައިވަނީ، ކުވޭތު ޝޫޓިންގ ސްޕޯރޓްސް ފެޑެރޭޝަންގެ ރައީސް ޝޭޚް އަލް ދުއެއިޖް އަލް އުތައިބީ އެވެ. މީގެ އިތުރުން އެގްޒެކެޓިވް ބޯޑުގެ އެހެން ހުރިހާ މަޤާމްތަކަށްވެސް މެންބަރުން ވަނީ އިންތިޚާބް ކޮށްފައެވެ.

އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަންގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް ޝޫޓިންގ އެސޯސިއޭޝަންގެ ރައީސް އިންތިޚާބުވުމަކީ، ރާއްޖޭގެ ޝޫޓިންގެ އެސޯސިއޭޝަނަށާއި މި ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.