ޚަބަރު

މަޖިލީހުގެ ނިޒާމު ނަގާލި 4 މެމްބަރެއްގެ ނަން އިއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިންގުމަށް ހުރަސްއަޅައި، މަޖިލީހުގައި އަޑުގަދަކޮށް ހެއްދެވި އިދިކޮޅު 4 މެމްބަރަކު މަޖިލިސް ތަޅުން ދޫކޮށް ދިއުމަށް ނަން އިއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަން އިއްވި ހަތަރު މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިއާމް މުޙައްމަދާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲގެ އިތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ލަޠީފެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤުގެ ނަން އިއްވަމުން މަޖިލީހުގެ ރައީސް މަޖާޒީ ގޮތެއްގައި ވިދާޅުވީ ޠާރިގް ބޭރަށް ނުކުމެ ހުންނަވަން ވާނީ "ފާރަށް މޫނު ލައިގެން" ކޮއްޅަށް ކަމަށެވެ.

މިބޭފުޅުންގެ ނަން އިއްވާފައިވަނީ ތަކުރާރުކޮށް އެތައްފަހަރެއްގެ މަތިން މަޖިލީހުގެ ނިޒާމު ނަގާނުލުމަށް އެންގުމަށްފަހު އެ އެންގުމަށް ތަބާނުވުމުންނެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިޒާމު ގެއްލުވާލައި އަޑުގަދަކޮށް މަޖިލިސް ނުހިންގޭނެ ގޮތަކަށް އެއްވެސް މެމްބަރަކު މަޖިލީހުގައި އަމަލުކޮށްގެން ނުވާނެކަމަށެވެ. އަދި އެފުރުޞަތު މަޖިލީހުގެ ރިޔާސަތުން އެއްވެސް މެމްބަރަކަށް ނުދެއްވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް ދީފައިވަނީ އެމްޑީޕީއަށް ކަމަށްވާއިރު މަޖިލީހުގައި ހިމެނޭ އެހެން މަދު މެމްބަރުން މަޖިލީހުގެ މަސައްކަތް ހުއްޓުވުމަކީ އެމެންބަރުންނާއި، އެމެންބަރުން ތަމްސީލްކުރައްވާ ރައްޔިތުން ބަލައިގަންނާނެ ކަމެއްނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލީހުގައި އެތައް މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިމަސައްކަތް ކުރުމުގައި ހުރިހާ މެމްބަރުންގެ އެއްބާރުލުންވެސް ބޭނުންފުޅުވާކަމަށެވެ.

މަޖިލިސް ތަޅުން ހޫނުވެ އިދިކޮޅު މެމްބަރުން މަޖިލީހުގައި އަޑުގަދަކޮށް ހަޅޭލަވައި، ކަށިގަނޑު ފުމެމުންދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ހައިލަމް އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. މަޖިލީހުގެ ތަޅުން ހޫނުވެ މެމްބަރުންގެ ނަން އިއްވާފައިވަނީ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެއްވެއުޅުމުގެ މިނިވަންކަމާއި ގުޅޭ ކުއްލި މައްސަލާގައި ބަހުސްކުރަމުންދަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އަޑުގަދަކޮށް، މަޖިލިސް ހިންގުމަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްފައިވާއިރު، އިއްޔެގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުންވަނީ މަޖިލީހުގައި އަޑުގަދަދަކޮށް އިޚްތިޖާޖްކޮށްފައެވެ. ނަމަވެސް އިއްޔެގެ ޖަލްސާ މަޖިލީހގެ ރައީސްވަނީ އިޚްތިޖާޖް ކުރަމުންދަނިކޮށްވެސް ކުރިއަށް ގެންގޮސްފައެވެ.