ކަޅުވަކަރު މިސްކިތް ރޭވުމުގެ ތެރެއިން ހިރިގަލުގެ މަސައްކަތްތައް ނިންމައި މަތިވަޑާންގަނޑުގެ މަސައްކަތް ފަށާފައިވާކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހާމަކުރައްވައިފިއެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ފައްޓަވާދެއްވައިފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވަން ފަށާފައި މިވަނީ ރޫޅާލައިގެން އެންމެ ފަހުން ހުރިތަނުން ނަގާފައި އެމިސްކުތުގެ ބައިތައް ބަހައްޓާފައި ހުންނަތާ 2 އަހަރު ފަހުންނެވެ. އަލުން މިސްކިތް ރޭވުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
މިސްކިތުގައި ފެންނަންހުރި ގަލުވަޑާމުގެ މަސައްކަތާއި، ލަކުޑީގެ ރީތި މަސައްކަތްތަކަކީ މިހާރު ޢާއްމުކޮށް ކޮށްއުޅޭ މަސައްކަތްތަކެއް ނޫންނެވެ. މިމިސްކިތް ޚާއްސަވަނީވެސް މިސްކިތުން ފެންނަން ހުރި މިފަދަ ހިތްގައިމު އަތްތެރި މަސައްކަތަަކުގެ ސަބަބުންނެވެ.
މިމިސްކިތަކީ ރާވާގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތް އަލުން ރޭވުމަށް ފުރަތަމަ ގައު ބަހައްޓަވާދެއްވާ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިސްކިތް ރޭވުމުގެ މަސައްކަތް ކުރަނީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންނާއި، އަމިއްލައަށް އެދިގެން މިމަސައްކަތްތުގައި ބައިވެރިވާ އަމިއްލަ ފަރާތްތައް ގުޅިގެންނެވެ.
މުޅި ކަޅުވަކަރު މިސްކިތުގައި ގާތްގަނޑަކަށް 550 ހިިރިގާ ބްލޮކް ބޭނުންކޮށްފައިވެއެވެ. މިސްކިތް ރޭވުމުގެ މަސައްކަތުގެ ދަށުން މިސްކިތުގެ ގަލުގެ ބައިތަކާއި ލަކުޑީގެ ބައެއް ބައިތައް ފަނި ބޮއެ ހަލާކުވަނިކޮށް، އެތަކެއްޗަށް ދޭންޖެހޭ ފަރުވާދީ ހަލާކުވެފައި ހުރި ތަންތަން ވަނީ މަރާމާތުކޮށްފައެެވެ. ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގެ ދަށުން ހިރިގަލުގެ މަސައްކަތްތައް ނިންމާ، މަތިވަޑާންގަނޑުގެ މަސައްކަތް މިވަނީ ފަށާފައެވެ. އެގޮތުން މި މަސައްކަތުގެ ދަށުން، މިސްކިތަށް ވަނުމަށް ބޭނުންކުރާ ހިރިގާ ސިޑިވެސް މިހާރުވަނީ ބަހައްޓާފައެވެ. މި ބައިގެ މަސައްކަތާއެކުވެސް އެންމެ ކުރިން ފެންނަންހުރި ގޮތަށް ކަޅުވަކަރު މިސްކިތުގެ ހައިބަތު މިހާރުވެސްވަނީ ފެންނަން ފަށާފައެވެ. މިސްކިތުގެ ހިރިގާ ބްލޮކްތަކުން ހަލާކުވެފައިވާ ތަންތަންކޮޅުވެސް، މިނިސްޓްރީގައި ކުރިން ރައްކާކޮށްފައިހުރި ހިރިގާ ބޭނުންކޮށްގެން ވަނީ ހަދާފައެވެ.
200 އަހަރުވެފައިވާ ކަޅުވަކަރު މިސްކިތަކީ އައްސުލްޠާން ޙަސަން ނޫރައްދީން، އިސްކަންދަރު މަހާރަދުން މާލޭގައި ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތް މީގެކުރިން 3 ތަނަކަށް ބަދަލުކޮށްފައިވެއެވެ. މިމިސްކިތް ފުރަނަފުއްޓަށް ވިއްކާލާފައިވެސްވެއެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިސްކިތް އަނބުރާ ހޯއްދަވައި ގެނެސް ބަހެއްޓީ ސަލްޓަން ޕާކުގައެވެ.
މިސްކިތް މިހާރު ބަހައްޓަނީ ކުރީގެ ދިރާގުހުރި ބިމުގައެވެ. މިސްކިތުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރަނީ އަންނަ މަހުއެވެ. މިސްކިތް އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ނަމަވެސް، މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.