ވިޔަފާރި

ސެލްޓަވީގޯގެ ޖަރޒީގައި "ވިޒިޓް މޯލްޑިވްސް" ލޯގޯ ޖަހައިފި


ރާއްޖެއިން ބޭރުގެ ޤައުމެއްގެ ޖަރޒީގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ލޯގޯ ޖަހައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ސްޕެއިންގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކުލަބެއްކަމަށްވާ ސެލްޓަވީގޯއާއެކު މިހާރުވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާއިއެކު ސެލްޓަ ވީގޯގެ އޮފިޝިއަލް ޓުވިޓަރ އެކައުންޓުން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ އެ ޓީމުގެ ޖާރޒީގައި ވިޒިޓް މޯލްޑިވްސްގެ ލޯގޯއާއި ދިވެހިރާއްޖޭގެ ނަން ޕްރިންޓްކުރާ މަންޒަރެވެ. މި ވީޑިއީ އާންމުކުރުމާއެކު އެތައްހާސް މީހުންނެއް ވަނީ މި ވީޑިއޯ ބަލާފައެވެ.

ސެލްޓަ ވީގޯގެ ޖާރޒީގައި "ވިޒިޓް މޯލްޑިވްސް" ލޯގޯ ޕްރިންޓްކުރަނީ

ސްޕެއިންގެ ސެލްޓަވީގޯ ކްލަބް ރާއްޖެއިން ސްޕޮންސަރކުރީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރާއްޖެއިން އަހަރަކު 9 ލައްކަ ޑޮލަރު މި އެއްބަސްވުމުގެ ދަށުން ޚަރަދުކުރާނެއެވެ. ބޭރުގެ ކުޅިވަރު ކުލަބެއް މިހާބޮޑު އަދަދަކުން ސްޕޮންސަރ ކުރާތީ އާންމުންގެ ފާޑުކިޔުންވެސް އަމާޒުވެގެންދިޔައެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އެ ކްލަބް ސްޕޮންސަރކުރީ މުޅި ރާއްޖެއަށް އެކަމުން ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެތީކަމަށެވެ.

ސެލްޓަވީގޯގެ ޖާޒީގައި ރާއްޖޭގެ ލޯގޯ މިހާރު ޖަހާފައިވާއިރު، އެތައް ބިލިއަން މީހުނެއް ބަލާ ސްޕެނިޝް ލަލީގާގައި އެ ޓީމުކުޅޭ މެޗުތަކުގައި ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ. ސެލްޓާވީގޯއާ ދެކޮޅަށް ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑް ކުޅޭ މެޗުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައެވެ. އެހެންކަމުން ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އެތައް މިލިއަން ސަޕޯޓަރުންނަށްވެސް ދިވެހިރާއްޖެ އިޝްތިހާރުވެގެންދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.