ޚަބަރު

އިސީއަށް ފުއާދު އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި


އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމުގެ މަޤާމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ފުއާދު ތައުފީޤް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މަޖިލީހުގައި މިއަދު ނެގުނު ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 70 ވޯޓާއިއެކުއެވެ.

އީސީއަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންފުޅުތަކުގެ ތެރެއިން ފުއާދު ތައުފީޤަކީ އެކޮމިޝަންގައި ރައީސްކަން ކުރައްވާފައިވާ އަދި ގިނަދުވަސްތަކެއް ވަންދެން އެކޮމިޝަނުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅާ ފުއާދު ތައުފީގުގެ މައްޗަށް ވަނީ 2014ވަނަ އަހަރު 6 މަސް ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމްކޯޓުން އިއްވާފައެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.

އީސީގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަސް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންނާއި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ އިންޓަރވިއުކޮށްފައެވެ. ރައީސް އިސްކަންދެއްވި ހަތަރު ބޭފުޅުންނަކީ ފުއާދު ތައުފީގާއި، އަމްޖަދު މުސްތަފާއާއި މަރިޔަމް ހަނީފް ޙާލިދްގެ އިތުރުން ހަަސަން ނާޒިމްއެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން ނާޒިމް ފިޔަވާ ދެން ތިއްބެވި 3 ބޭފުޅޫންގެ ނަން ކޮމެޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފަށާފައިމިވަނީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި ކޮމިޝަންގެ މިހާރުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާގެ މެމްބަރުކަމުގެ ދައުރު މި މަހުގެ 24 ވަނަދުވަހު ހަމަވާތީއެވެ.