ޚަބަރު

ދެވަނަ ޗައިނާ އިންޓަރނޭޝަނަލް އިންޕޯޓް އެކްސްޕޯ ފަށައިފި


ދެވަނަ ޗައިނާ އިންޓަރނޭޝަނަލް އިންޕޯޓް އެކްސްޕޯ ޗައިނާގެ ރައީސް ޝީ ޖިންޕިން ހުއްޅުއްވައި ދެއްވައިފިއެވެ.

ޝަންހާއީ ނޭޝަނަލް އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށް ގެންދާ މިއެކްސްޕޯ ހުޅުއްވާ ދެއްވާ ވާހަކަފުޅު ދައްކަވަމުން ޝީ ވަނީ ބައިނަލްއަޤްވާމީ އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ހުރިހާ ޤައުމެއް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއް ޤައުމާއި އަނެއް ޤައުމާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްގެން ނޫނީ ބަވަނަވެފައިވާ ދުނިޔޭގައި ބައިނަލްއަޤްވާމީ އިޤްތިޞާދީ ކުރިއެރުން ނުހޯދޭނެކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ޗައިނާއާއި ބޭރުގެ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ޗައިނާގެ ވިޔަފާރިއާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގިނަ ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރައްވާ ޝީވަނީ ވިޔަފާރީގެ ޓެރިފްތައް މިހާރަށްވުރެ ބޮޑަށް ލުއިކުރުމަށް މަސައްކަތްކުރާކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން ބޭރުގެ އިންވެސްޓްމަންޓުތަކަށް ފުރުޞަތު އިތުރަށް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަންވެސް ޝީ ވަނީ ފާހަގަކުރައްވާފައެވެ.

މިއެކްސްޕޯއަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާއި ޝަންހާއީ މުނިސިޕަލް ސަރުކާރުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އެކްސްޕޯއެކެވެ. މިއެކްސްޕޯގައި ޗައިނާގެ ސަރުކާރުގެ ވިޔަފާރިއާބެހޭ އިދާރާތަކާއި، ވިޔަފާރިވެރިންގެ އިތުރުން 64 ޤައެއްގެ ވިޔަފާރިއާ އިޤްތިސާދާބެހޭ ސަރުކާރުގެ އިދާރާތަކާއި، ޖަމްޢިއްޔާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންވެސް ދަނީ މިފެއަރގައި ބައިވެރިވަމުންނެވެ.

މި އެކްސްޕޯގެ މަޤްސަދަކީ އެއްފުރާޅެއްގެ ދަށުން ޗައިނާގެ ވިޔަފާރިއާބެހޭ އިދާރާތަކާއި، ވިޔަފާރިވެރިން ،ބޭރު ޤައުމުތަކުގެ ވިޔަފާރިއާބެހޭ އިދާރާތަކާއި، ވިޔަފާރިވެރިންނާއި ބައްދަަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުޞަތު ފަހިކުރުމެވެ.

މިއެކްސްޕޯއަށް ފައްސަތޭކަ ހާސް ފަރާތަކުން ޒިޔާރަތްކުރާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. މިއެކްސްޕޯ މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަށް ކުރިޔަށް ދާނެއެވެ.