ކުޅިވަރު

މެލޭޝިޔާ ސަފީރު ޤައުމީ ފުޓްބޯޅަ ޓީމާއި ބައްދަލުކުރައްވައިފި


މެލޭޝިޔާގައި މިހާރު ތަމްރީން ހަދަމުން އަންނަ ޤައުމީ ފުޓްބޯޅަ ޓީމާއި، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް އަލީ ބައްދަލުކުރައްވައިފިއެވެ.

ރޭގަނޑުގެ ކެއުމާއިއެކު އޮތް މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް އަލީގެ އިތުރުން ދިވެހި އެމްބަސީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ސަފީރު ވިސާމް އަލީ ވިދާޅުވީ ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުރިއަށް މިއޮތް ދެ މެޗު ކާމިޔާބުކުރައްވާނެކަމެއް އުއްމީދުކުރައްވާކަމަށައި، ކޮންމެ ކުޅުންތެރިއަކުވެސް ފުރިހަމައަށް ތައްޔާރުވެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެކަމަށް ޔަގީންކުރައްވާކަމަށެވެ.

ސަފީރު ވިސާމް ވިދާޅުވީ މެލޭޝިޔާގައި ކޮންމެ ދުވަހަކު ކުރާ ފަރިތަކުރުންތަކާއިއެކު ޓީމަށް ކުރިއެރުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށާއި، ޓީމްގެ ބާރަވަނަ ކުޅުންތެރިޔާ ނުވަތަ ސަޕޯޓަރެއްގެ ހައިސިއްޔަތުން ޓީމާއިއެކު ހުންނެވިކަމަށެވެ. އަދި މެލޭޝިޔާގެ ތަމްރީންތައް ކުރިއަށްދާ ގޮތާއި، ޓީމްގެ ހާލަތުވެސް އައްސަވައި ދިވެހި ސަފީރުވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ބުނީ ޤައުމީ ފުޓްބޯޅަ ޓީމާއި ބައްދަލުކުރައްވައި ހިތްވަރުދެއްވީތީ ވަރަށް އުފާކުރާކަމަށާއި، ހުރިހާ ދިވެހިންވެސް ބޭނުންވާ ގޮތަށް ކުރިއަށް މިއޮތް ދެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރާނެކަމަށެވެ.

މެލޭޝިޔާގެ ތަމްރީން ދަތުރު ނިންމާލުމަށްފަހު ޤައުމީ ފުޓްބޯޅަ ޓީމް ދިވެހިރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގައެވެ.