ސިޔާސީ

ނާއިބު ރައީސްގެ ސީރިއަސް އިހްމާލްވުންތަކެއް އެބަހުރި- ނިހާން


ނައިބު
ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން
ނިންމައިފިއެވެ. ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމަށްފަހު ޕީ.އެސް.އެމަށް ދެއްވި
ހާއްސަ އިންޓަރވިއު އެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން
މަނިކު ވިދާޅުވީ ދެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި
ބައިވެރިވި 33 މެމްބަރުންގެ އިއްތިފާގުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް
ނިންމާފައި ވާކަމަށެވެ. މިކަމަށްޓަކައި މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ
ޕާލަމެންޓްރީ ގްރޫޕުން ތައްޔާރުކުރި ޤަރާރުގައި މިހާތަނަށް މަޖިލީހުގެ 47
މެމްބަރުން ސޮއިކޮށްފައިވާކަން ނިހާން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ޖުމްހޫރީ
ޕާޓީގެ ހަތަރު މެމްބަރަކާއި އެމްޑީޕީގެ ހަތަރު މެމްބަރަކުވެސް ހިމެނިވަޑައިގަންނަވާކަމަށް
ވިދާޅުވިއެވެ. ނިހާން ވިދާޅުވީ މި ޤަރާރު މި އަދުގެ ވަގުތެއްގައި މަޖިލީހަށް
ހުށަހެޅުއްވިޔަސް ފަނަރަ ވަރަކަށް ދުވަހުގެތެރޭގައި ވޯޓަކާއިހަމައަށް ދާނެކަމަށެވެ.
މިފަދަ ޤަރާރެއް މަޖިލީހަށް ހުށައެޅުމާއި ހަމައަށް ޕީޕީއެމް/އެމްޑީއޭގެ
މަޖިލިސްމެމްބަރުންނަށް ދާން ޖެހުނީ، ރައީސުލްޖުމްހޫރިއްޔާއަށް ނާއިބު ރައީސް
ދެއްވަން ޖެހިވަޑައިގަންނަވާ ފުރިހަމަ އެއްބާރުލެއްވުން ނުދެއްވެވުމާއި ނާއިބު
ރައީސާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި ސޯޝަލްކައުންސިލްގެ
މަސައްކަތްތައްވެސް އެކަށީގެންވާގޮތެއްގައި ނުކުރެއްވި އެކައުންސިލް މެދުވެރިކޮށް
ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ރަށްރަށުގައި ނުކުރެވިގެން މަޖިލިސްގެ
އެކިދާއިރާތަކުގެ މެމްބަރުންގެ ޝަކުވާތައް އިތުރުވެފައިވުމާއި އަދި އިދިކޮޅު
ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށާއި ސަރުކާރާއި ދެކޮޅަށް
ހިންގާފައިވާ ބޮޑެތި ހަރަކާތްތަކުގައި ސަރުކާރު ދިފާއުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާފައި
ނުވާތީކަމަށެވެ. މިކަންކަމުގައި ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ސީރިއަސް
މިންވަރަކަށް އިހުމާލްވެވަޑައިގެންފައިވާ ކަމަށް މެމްބަރުންނަށް ޤަބޫލްފުޅު
ކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.

މޭ 1 ގައި ސަރުކާރު ދިފާއުކުރެއްވުމުގެ ބަދަލުގައި ނާއިބު ރައީސް މާލޭން ބޭރަށް



ނިހާން
ވިދާޅުވީ މޭމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު
އެއްވުމެއް ބޭއްވިއިރު ސަރުކާރުގެ ދިފާއުގައި މީޑިއާގައި
ވާހަކަފުޅުދައްކަވައިދެއްވަން ދެންނެވުމުން މާލޭގައި އެރޭ ސަލާމަތީ ހާލަތު
ހުރިގޮތަށްބަލާއިރު މާލެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީކަމަށް
ވިދާޅުވެ ވާހަކަފުޅުދައްކަވަން ނާއިބު ރައީސް އުޒުރުވެރިވެވަޑައިގެންނެވި
ގެންނެވުމަކީވެސް އެބޭފުޅުންނަށް ފާހަގަކުރެއްވޭކަމެއްކަމަށެވެ. މިފަދަ ވަރަށް ގިނަ
ސަބަބުތަކާއިހެދި ނާއިބު ރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ ވާހަކަތައް
މެމްބަރުން ދައްކަވަންފެށްޓެވުމުން ރޭ މެމްބަރުން އެކަމަށް އިއްތިފާގު
ވެވަޑައިގެންނެވުމުގެ ކުރިން ސަރުކާރުގެ އެކަމުގައި ދެވެން އޮތް އެންމެ
މައްޗަކާއިހަމައަށް ލަފާހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާނެކަމަށާއި
މިފަދަ ނިންމެވުމެއް މަޖިލިސްގެ މެމްބަރުން ނިންމަވާކަން ނާއިބުރައީސާއިހަމަށްވެސް
ފޯރުކޮށްދެއްވޭތޯ އިއްޔެރެއާއި ހަމައަށް މަސައްކަތް ކުރެއްވިކަމަށް ނިހާން
ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީޖީ ގްރޫޕުން ބޭނުންވީ އިތުބާރު ނެތްކަމުގެ ވޯޓަކަށް
ދިއުމުގެ ކުރިން ނާއިބު ރައީސަށް ދަންނަވައި އިސްތިއުފާ ދެއްވުމުގެ ފުރުސަތެއް
އެރުވުންކަމަށެވެ. އެހެންނަމަވެސް އިއްޔެރޭ އަށެއްކަ ފަހަރު ނާއިބު ރައީސާއި
ގުޅުއްވޭތޯ މަސައްކަތް ކުރެއްވި ކަމަށާއި ފޯންކޯލަކަށް އަދި އެކަމާއި ގުޅޭގޮތުން
ފޮނުއްވި އެސްއެމްއެސް އަކަށްވެސް ޖަވާބުދެއްވާފައި ނުވުމުން ނާއިބު ރައީސް
މިމައްސަލާގައި ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވަނީކަމަށް މިހާރު
ލަފާކުރެއްވޭކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވިއެވެ.



ނިހާން
ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ނިންމުން ރައީސުލްޖުމްހޫރިއްޔާއަށް ރޭ
އެސްއެމްއެސްއަކުން ހިއްސާކުރައްވާފައިވާނެކަމަށެވެ. އެހެންނަމަވެސް ރޭ ރައީސް
އެކަމާއިގުޅޭގޮތުން ވަކިއެއްޗެއް ވިދާޅުވެފައިނުވާކަމަށް ވިދާޅުވިއެވެ.



ޖޮއިންޓް
ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން ރޭ ބޭއްވިއިރު ރާއްޖޭގައި މިވަގުތު ވަޑައިގެން
ނޫޅުއްވާތީ ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންއާއި މާފަންނު މެދު
ދާއިރާގެ މެމްބަރ އަސްމާ ރަޝީދަށް އެނިންމުން މިހާރު ޚުލާސާކޮށްދެއްވިފައިވާނެކަމަށް
ވެސް ވިދާޅުވިއެވެ.

ގާސިމް ހުންނެވީ ނާއިބް ރައީސް ދުރުކުރުމަށް ތާއީދު ދެއްވަން



މަޖިލީހުގެ
މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވީ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި
ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޤާސިމް އިބްރާހީމާއި ވެސް މަޝްވަރާ
ކުރައްވާފައި ވާކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީއިން އެ މައްސަލާގައި ޕީޕީއެމަށް
އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޤާސިމް ދެއްވާފައި ވާކަމަށް ނިހާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުން
ފާސްވާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. ނާއިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 57 ވޯޓެވެ. ނިހާން ވިދާޅުވީ ގާނޫން އަސާސީއަށް އިސްލާހް ގެނައުމަށް ބޭނުންވާ ވޯޓް ހޯދުމުގައި ކާމިޔާބު ހޯދާފައިވާބަޔަކަށް އެއީ މަދަތިކަމެއްކަމަށް ދެކެންޖެހޭ ތަނެއް ނެތްކަމަށާއި އެކަމަށް ވޯޓްދެއްވަން ތިއްބެވި
މެމްބަރުން މިހާރުވެސް ފާހަގަކުރެއްވޭކަމަށެވެ.



އިތުބާރު
ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމް/އެމްޑީއޭ
ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމިއިރު ނާއިބު ރައީސް މުހައްމަދު ޖަމީލު
އަހުމަދު ބޭސްފަރުވާއަކަށް މެލޭޝިޔާއަށް ވަނީ ފުރާވަޑައިގެންފައެވެ. ރައީސް
އޮފީހުން ބުނީ ނާއިބު ރައީސް ފުރާވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާއަށްވެސް
އެކަން އަންގަވައި ހުއްދަ ލިބިވަޑައިގަތުމުންކަމަށެވެ.



އެހެންކަމުން
މިމައްސަލާގައި ނާއިބު ރައީސްގެ ބަސްފުޅެއް އަދި ލިބޭގޮތެއްނުވެއެވެ.