ޚަބަރު

ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން އެމެރިކާގެ ފައުޖުތައް ފޯރިމަރަން ފަށައިފި


ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ސޫރިޔާއަށްވީ ފަޅީގައި އޮތް ތެޔޮވަޅެއް ކައިރީގައި އެމެރިކާގެ އަސްކަރީ ބާރުތަކުން ފޯރިމަރައިފިއެވެ.

ކުރުދީންގެ ޓީވީ ޗެނަލެއްކަމަށްވާ ކުރުދިސްތާނު ޓުވެންޓީ ފޯރއިންވަނީ އެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ފައުޖުތައް ޙަރަކާތްތެރިވަމުންދާ މަންޒަރުދައްކާ ވީޑިއޯތަކެއް ޢާންމުކޮށްފައެވެ. މި ވީޑިއޯތަކުގައި އެމެރިކާގެ ދިދަ ޖަހާފައިވާ އަސްކަރީ އުޅަނދުތައް އެ ސަރަޙައްދުގައި ޕާކްކޮށްފައިވާ މަންޒަރު ފެންނަމުންދާއިރު އެ ސަރަޙައްދުގައި އެމެރިކާ ސިފައިން ފޯރިމަރަމުންދާ މަންޒަރުވެސް ފެނިގެންދެއެވެ. އަދި މި ފަރާތްތަކާއެކު ސޫރިޔާގެ އިދިކޮޅު ޖަމާޢަތެއްކަމަށްވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ ހަނގުރާމަވެރިންވެސް އެ ސަރަޙައްދުގައި ފޯރިމަރަމުންދާ މަންޒަރުތައް ފެނިގެންދެއެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ސޫރިޔާގެ އެތެރޭގައި ޙަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން އެ ޤައުމުގައި އިތުރު އަސްކަރީ ޙަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މި ޙަރަކާތްތައް އިތުރުކުރުމަށް ނިންމާފައިވަނީ ސޫރިޔާގައި މިހާރު ހުރި ތެޔޮވަޅުތައް އައިއެސްފަދަ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށަށް ދިޔުން ހުއްޓުވުމަށްކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ.

މިދިޔަ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން ދާދި އަވަހަށް އެ ޤައުމުން ބާލާނެކަން އިޢުލާނުކުރައްވާފައެވެ. އަދި މިއާއެކު މިދިޔަ މަހުގެ ނުވަވަނަ ދުވަހުން ތުރުކީވިލާތާ އެ ޤައުމަށް ވާގިދޭ ސޫރިޔާގެ އަސްކަރީ ޖަމާޢަތްތަކުން ފެށި މި އޮޕަރޭޝަންގައި އެ ރަށުގެ އިތުރު ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގުގައި އޮންނަ އެހެން ރަށްތަކުންވެސް ކުރުދީ ހަނގުރާމަވެރިން ފައްސާލާފައިވެއެވެ.