ޚަބަރު

ނިއު ދިއްލީގައި ވައި ތަޣައްޔަރުވާ މިންވަރު އިތުރުވުމުން އެއްގަމު އުޅަނދު ކޮންޓްރޯލްކޮށްފި


އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން އެ ރަށުގައި ކާރު ދުއްވާ ޢަދަދު ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ޚާއްސަ ޙަރަކާތެއް ފަށައިފިއެވެ.

އެގޮތުން ނިއު ދިއްލީގެ ވައި އިތުރަށް ތަޣައްޔަރުވިޔަ ނުދިއުމަށް އެ ރަށުގައި ކާރުދުއްވާ ޢަދަދު މަދުކުރުމަށް މިމަހުގެ 4ވަނަ ދުވަހުން 15ވަނަ ދުވަހުގެ ނިޔަލަށް ނިއު ދިއްލީގައި ޕްރައިވެޓް ކާރުތަކަށް ދުއްވޭނީ ދެ ދުވަހުން އެއް ދުވަހުކަމަށް ނިއު ދިއްލީގެ ސްޓޭޓް ސަރުކާރުންވަނީ ބުނެފައެވެ. އަދި މި ޙަރަކާތަށް ތަބާނުވާ ފަރާތްތަކުގެ އަތުން ހަތަރު ހާސް ރުޕީސްގެ ޖޫރިމަނާއެއް ނެގޭނެކަމަށްވެސް ނިއު ދިއްލީގެ ސްޓޭޓްގެ ސަރުކާރުންވަނީ ބުނެފައެވެ. މި ޙަރަކާތުން އިސްތިސްނާވާނީ ކުއްލި ޙާލަތުގައި އެހީދޭ އުޅަނދުތަކާ ޓެކްސީތަކުގެ އިތުރުން ދެ ފުރޮޅުލީ އިންޖީނުލީ އުޅަނދުތައް އެކަނިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ފިޔަވަޅުތައް ކާމިޔާބުކަމާއެކު އެޅުމަށް ނިއު ދިއްލީގެ އެކި ސަރަޙައްދުތަކުގައި ފުލުހުންނާ މަދަނީ ޖަމާޢަތްތަކަށް މަސައްކަތްކުރާ ފަރާތްތައް ޙަރަކާތްތެރިވަމުންދާނެކަމަށް ނިއު ދިއްލީގެ ސްޓޭޓް ސަރުކާރުންވަނީ ބުނެފައެވެ.

މީގެ އިތުރުން، ނިއުދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި އެ ރަށުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އެ ރަށުގެ ސިއްޙީ ތަޖުރިބާކާރުންވަނީ ބުނެފައެވެ. ނިއު ދިއްލީގެ ޕީއެސްއާރްއައި ހޮސްޕިޓަލްގެ ޕަލްމޮނަރީ ޑިޕަރޓްމަންޓްގެ ޗެއަރމަން ޖީސީ ޚިލްނާނީ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ދެ ކެޓަގަރީއެއްގެ ބަލި މީހުން އަންނަމުންދާކަމަށެވެ. އެއް ބަޔަކީ މީގެ ކުރިންވެސް ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ބަލިމީހުންކަމަށާ އަނެއް ބަޔަކީ އަލަށް މިފަދަ އުނދަގޫތަކަށް ފަރުވާ ހޯދާ ބަލި މީހުންކަމަށެވެ. މިގޮތުން ކެއްސުމާ، ކަރުގައި ރިއްސުމާ، ނިދަން އުނދަގޫވުމުގެ އިތުރުން ހުން އައުންފަދަ ސިއްޙީ އުނދަގޫތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަކީ ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ އެއް ރަށަށްވާއިރު މިދިޔަ ހަފުތާތަކުގައި އެ ރަށުގެ ވައި ތަޣައްޔަރުވެ ސިއްޙަތަށް ނުރައްކާވާފަދަ މިންވަރަށް އެކަން ގޮސްފައިވަނީ އަވަށްޓެރި ސްޓޭޓްތަކުގައި އޮންނަ ދަނޑުބިންތައް އަންދަން ފެށުމާއެކުއެވެ. މި އަލިފާންގަނޑުތަކުގެ ސަބަބުން ނިއު ދިއްލީގެ ވައި ނުސާފުވެ، ސިއްޙަތަށް ގެއްލުންވާފަދަ މިންވަރަށް ވައި ތަޣައްޔަރުވެފައިވާއިރު، މިދިޔަ ހަފުތާގައި ނިއު ދިއްލީގެ ސްޓޭޓް ސަރުކާރުންވަނީ މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އެ ރަށުގެ ސްކޫލުތައް ބަންދުކޮށްފައެވެ.