ޚަބަރު

2020ވަނަ އަހަރުގެ ބަޖެޓް: ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް 275.8 މިލިޔަން ރުފިޔާ


ޢިއާދަކުރަނިވި ހަކަތައާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް 275.8 މިލިޔަން ރުފިޔާ ކަނޑައަޅަފިއެވެ. އަންނަ އަހަރު ދަޢުލަތުން ކަނޑައެޅި ބަޖެޓުގައި ވަނީ ތިމާވެށި ރައްކާތެރިކުރުމާއި ސާފު ހަކަތައާ ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނާފައެވެ.

އަންނަ އަހަރު ދަޢުލަތުން ކަނޑައެޅި ބަޖެޓުގައި ތިމާވެށި ރައްކާތެރިކުރުމަށް ވަނީ 1798 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މިގޮތުން އިއާދަކުރަނިވި ހަކަތަ އާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް ޖުމްލަ 275.8 މިލިއަން ރުފިޔާ ވާނީ ބަޖެޓުގައި ކަނޑައަޅާފައެވެ. އިޢާދަ ކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވުމުގެ އިތުރުން، ތެލަށްކުރާ ޚަރަދު ކުޑަކުރެވި ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިޢާދަކުރަނިވި ހަކަތައިގެ ބައިން އެކި ރަށްތަކުގައި ހިނގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް މަޝްރޫޢުއަށް ޖުމުލަ 246.8 މިލިޔަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. މީގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީން 164.2 މިލިޔަން ރުފިޔާ އަދި ޔޫރިޕިއަން އިންވެސްޓްމަންޓް ބޭންކުގެ ލޯނުގެ ގޮތުގައި 40.3 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

މީގެ އިތުރުން ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖްކުރުމާގުޅޭ 20 މަޝްރޫޢަކަށް ޖުމްލަ 212 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ތިމާވެށި ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ 125 މިލިޔަން ރުފިޔާ ކަނޑައަޅާފއިވަނީ ރިކަރަންޓް ޚަރަދަށެވެ. އަދި 1673 މިލިޔަން ރުފިޔާ އަކީ ކެޕިޓަލް ޚަރަދެވެ. މި ގޮތުން ހުޅުމާލޭގެ ނަރުދަމާ ނިޒާމަށް 201 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެކި ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް 810 މިލިޔަން ރުފިޔާ ކަނޑަ އަޅާފައިވެއެވެ.

ގްރޭޓަރ މާލެ އެންވަރަމެންޓަލް އިންޕުރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް އަށް 88 މިލިޔަން ވާއިރު، 50 މިލިޔަން ރުފިޔާ އައްޑު ސިޓީ ރިޖަނަލް ވޭސްޓް މެނޭޖްމެންޓް ފްރޮޖެކްޓަށް ޚަރަދުކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސްމޯލް ސްކޭލް ވެސްޓް އެނާޖީ ޕްރޮޖެކުޓަށް 20 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައިވާއިރު ހުވަދޫ އަތޮޅުގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ގާއިމް ކުރުމަށް 18 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެކި ރަށްތަކުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 222 މިލިޔަން ވަނީ ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައީ ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 82 މިލިޔަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ. އަދި 52 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ބިލްޑިންގ ކްލައިމެޓް ރެސިލިއެންޓް ސޭފަރ އައިލެންޑްސްއަށް ހަމަޖައްސާފައެވެ.