ދީން

މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހުން މެރުމަށް ދީން ހުއްދަކުރޭ


މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހުންނަށް މަރުގެ އަދަބުދިނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި އިމާމް ވިދާޅުވެއްޖެއެވެ.މިއަދު މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިއްވި ހުކުރު ޚުތުބާއަކީ، މަސްތުވާތަކެއްޗާއި ދެކޮޅަށް އިސްލާމީ ޝަރީއަތުން ކަނޑައަޅުއްވާފައިވާ ކަންކަމާއި ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުގެ މައްޗަށް ދެއްވެވި ބާރުގަދަ މެސެޖެކެވެ.މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މެރުމަށް އިސްލާމީ ޝަރީއަތުން ބާރުލިބެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހާ އެތަކެތި އިންސާނުންނަށް ފޯރުކޮށްދީގެން މީހުންގެ ނަފުސުތައް މަރާތީއެވެ. މަސްތުވާތަކެތި ފެތުރުމަކީ ބިންމަތީގައި ފަސާދަ ފެތުރުންކަމަށްވެސް މިއަދުގެ ޚުތުބާގައި އިމާމު ވިދާޅުވިއެވެ.ރާބޯމީހާ ސުވަރުގެ ނުވައްދަވާނެކަމަށާއި އެމީހާގެ ހަށިގަނޑުގައި މަސްތުވުމުގެ އަސަރު ހުރިހައި ހިނދަކު ﷲ ތައާލާ އޭނާގެ ނަމާދު ގަބޫލުފުޅުނުކުރައްވާނެކަމަށް ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރައްވާކަމަށްވެސް އިމާމް ވިދާޅުވިއެވެ.މަސްވާތަކެއްޗަކީ ހަޑިމުޑުދާރު ޝައިތާނީ އަމަލެއްކަމަށް ﷲ ތައާލާވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން މިނރައްކާތެރި ވަބާއިން ތިމާގެ ދަރިން ސަލާމަތްކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބެއްކަމަށްވެސް އިމާމު ވިދާޅުވިއެވެ.