ޚަބަރު

ދޮގު ޙަބަރު ފެތުރުމާ ދެކޮޅަށް ހޯމްމިނިސްޓްރީން ކެމްޕެއިނެއް ފަށައިފި


ދޮގު ޚަބަރު ފެތުރުމާ ދެކޮޅަށް ހޯމްމިނިސްޓްރީން ކެމްޕެއިނެއް ފަށައިފިއެވެ. މިއީ ބައިސްކޯފް މޯލްޑިވްސްގެ އެހީތެރިކަމާއެކު އެމިނިސްޓްރީން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މިކެމްޕެއިން ފެށުމުގެގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ޔުނިވަރ ސިޓީގެ ޗަންސެލަރ ޑރ.ޙަސަން ޙަމީދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ޢާންމުކޮށް ފަތުރަމުންދާ ޚަބަރާއި މަޢުލޫމާތަކީ ދޮގު ޚަބަރާއި މަޢުލޫމާތުކަމަށްވާނަމަ އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް އައިސްދާނެ ބަދަލާމެދު އެންމެންވެސް ވިސްނަންޖެހޭ ކަމަށެވެ.

"ދޮގުޚަބަރު ހުއްޓުވާނީ އަހަރެން" މިނަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށްގެންދާ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މީޑިއާއަކީ މިއަދުގެ މުޖުތަމަަޢުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. އެގޮތުން މީޑިއާއަކީ ބޮޑެތި މީޑިއާ ކުންފުނިތައް އެކަނި ނޫންކަމަށާއި ކޮންމެ މީހަކީވެސް ނޫސްވެރިއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ފެތުރޭ ދޮގު ޚަބަރެއްގެ ސަބަބުން މުޅި ދުނިޔެއަށް އައިސްދާނެ ބަދަލާމެދު ކޮންމެ މީހަކުވެސް ވިސްނަން ޖެހޭކަމަށެވެ. އަދި ދޮގު ޚަބަރު ފެތުރުން މިހާރުންމިހާރަށް ހުއްޓުވަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އާދެ މައުލޫމާތުގެ ރަންޒަމާޏުގައި ދުނިޔޭގެ މިސްރާބު ހިފާ އެއްޗަކީ ބޮޑެތި ހަނގުރާމަވެރި ލަޝްކަރުތަކެއްނޫން، ނުވަތަ ބަރު ހަތިޔާރެއްވެސް ނޫން. މިއަދު ދުނިޔޭގެ މިސްރާބު އަމާޒުކުރުމުގެ މައިގަނޑު އަސާސަކީ މީޑީއާ. ވަކި ވަކި ފަރުދުންގެ އަމަލުތަކާއި ވިސްނުމާއި ފިކުރާއި ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ބޮޑެތި މުވައްސަސާތަކާއި ގައުމުގެ ސިޔާސަތުތައް ބައްޓަން ވެގެންދަނީ ފެތުރިގެންދާ ޙަބަރުތަކާއި މައުލޫމާތުތަކުގެ މައްޗަށް. އެހެންކަމުން ފެތުރެމުންދާ ޙަބަރާއި މައުލޫމާތަކީ ދޮގު ޙަބަރާއި މައުލޫމާތުކަމަށްވާނަމަ އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް އައިސްދާނެ ބަދަލާމެދު އެންމެންވެސް ވިސްނަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިކެމްޕެއިންގައި މީޑިޔާ ދާއިރާގެ ބޭފުޅުންގެ ތެރެއިން 7 ބޭފުޅަކު ކެމްޕެއިން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާނެއެވެ. ކެމްޕެއިން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާނީ ވީމީޑިޔާގެ ސީއީއޯ މުޙައްމަދު އާސިފާއި، ޕަބްލިކް ސަރވިސް މީޑިޔާގެ ބޯޑު މެމްބަރު މަރިޔަމް ވަޙީދާއާއި މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރ މުޙައްމަދު ހަމްދޫނާއި ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ ޝަމްޢާން ޝާކިރާއި ކުޅިވަރު ނޫސްވެރިޔާ އަބުދުﷲ އަޒްމީނާއި ކުރީގެ ނޫސްވެރިޔާ ހުސެއިން ޙަސަންއާއި ވަގުތު އޮންލައިންގެ ހުސެއިން އަރުބާން ފައްވާޒެވެ.

މި ކެމްޕެއިންގެ ދަށުން މީސް މީޑިއާގެ މަންސަތަކާއި އެނޫންވެސް މީޑިއާގެ މަންސަތަކުގެ ޒަރިއްޔާއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރާނެއެވެ. އެގޮތުން އެމްބެސެޑަރުން ހިމަނައިގެން ތައްޔާރުކުރާ ވީޑިއޯ ސްޕޮޓާއި، ވަކިވަކި ފޮޓޯ ޕޯސްޓަރުންތަކުގެ ޒަރީޔާއިންވެސް މަސައްކަތްކުރާނެއެވެ.