ޚަބަރު

ބޮޑެތި ސިޓީތަކާއި ކުދި ރަށްތަކުގައިހުރި ސިއްޙީ ޚިދުމަތުގެ ފަރަގު ކުޑަކުރާނަން - ނައިބު ރައިސް


ސަރުކާރުގެ އަމާޒަކީ ސިއްޙީދާއިރާއިން ބޮޑެތި ސިޓީތަކާއި ކުދި ރަށްތަކުގެ ފަރަގުކުރުން ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. ނައިބު ރައިސް މިހެން ވިދާޅުވީ ޢާއްމު ސިއްޙަތު ހަރުދަނާކުރުމަށް ބާއްވާ މަހާސިންތާ ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޢާއްމު ސިއްޙަތު ހަރުދަނާކުރުމަށް ބާއްވާ މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ބޮޑެތި ސިޓީތަކާއި ކުޑަ ރަށްރަށުގައިހުރި ސިއްޙީ ދާއިރާގެ ފަރަގު ކުޑަކުރެވިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ފާއިތުވި ސަރުކާރުތަކުންވެސް ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްކުރެއްވި ކަމަށާ، އެހެންނަމަވެސް ކުދި ރަށްތަކުގެ މަތިން ގިނަފަހަރު ހަނދާން ނެތިފައިވާކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން އެކަން ބަދަލުކުރައްވާނެކަމަށެވެ.

ޢާއްމު ސިއްޙަތު ރަނގަޅު ކުރުމަކީ އެންމެ ގުޅިގެން ކުރެވޭނެކަމެއްކަން ފާހަގަކުރައްވައި ނައިބު ރައިސް ވިދާޅުވީ އެކަން ޙާސިލުކުރުމަށް މުޖުތަމަޢުގެ ހާސްކަން ކުޑަކުރަންޖެހޭކަމަށެވެ. އަދި ސާފުތާހިރުކަމާއި ކަސްރަތަކީ އޮޕްޝަނެއްގެ ގޮތުގައި ނުދެކި އެއީ އެންމެމުހިއްމު ކަންތައްތަކުގެ ގޮތުގައި ދެކުމަށް ނައިބު ރައީސް ފައިސަލް ނަސީމު ބާރު އެޅުއްވިއެވެ. އަދި ޢާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކުގެ ސަބަބުން އެހެން މީހުނަށް ގެއްލުން ވާގޮތަށް ދުންފަތުގެ އިސްތިޢުމާލުނުކުރުމަށް ނައިބު ރައިސް ތަކުރާރުކޮށް ގޮވާލެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް އައިއިރު ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ބޮޑެތި ޚަރަދުތަކެއްކޮށްފައިވީނަމަވެސް ޢާއްމު ސިއްޙަތުގެ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން ބޮޑެތި މެޝިނަރީސްއަށާއި މޮޅު ޑޮކްޓަރުން ހޯދުމަށް އިސްކަންދޭފަދައިން ބަލިތަކުން ދުރުހެލި ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރ އަމީން ބައްލަވާލެއްވިއެވެ.

ޢާއްމު ސިއްޙަތުގެ މަހާސިންތާއަކީ ޢާއްމު ސިއްޙަތު ކުރިއެރުވުމަށް ހުރި މައިގަނޑު މައްސަލަތައްކަމަށްވާ އާބާދީގެ އެކި ޢުމުރުފުރާތަކަށް އަންނަ ބަދަލާއި އާބާދީއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އިސްފައިވާ ބަދަލުތަކާއި އޭގެ ސަބަބުން އިތުރުވަމުން އަންނަ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުންނާއި މިކަންކަމާއި ގުޅޭގޮތުން ހަރުދަނާ ގޮތެއްގައި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް މަޝްވަރާކުރުމަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މީގެ އިތުރުން އިތުރު ދާއިރާތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްސްތަކާއި މަސައްކަތްތަކުގެ ސަބަބުން ނުކުންނަ ސިއްޙީ މައްސަލަތަކާ މެދުވެސް މިމަހާސިންތާގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.