ސިޔާސީ

އަސްކަރިއްޔާއަށް ނޭގި ރާއްޖެއަށް ނުރައްކާތައް އަމާޒުކުރުމުގެ ފުރުޞަތު ވަރަށް ހަނިކުރެވިއްޖެ - މާރިޔާ


ދިވެހި އަސްކަރިއްޔާއަށް ނޭގި ރާއްޖެއަށް ނުރައްކާތައް އަމާޒުކުރުމުގެ ފުރުޞަތު މިހާރު ވަރަށް ހަނިކުރެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، 1988ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ޙަމަލާ ރާއްޖެއަށް ދިންއިރު ދިފާޢުވާނެ މާގިނަ ވަސީލަތްތަކެއް އޭރު ނެތްކަމަށެވެ. އަދި އެދުވަހު ޓެރަރިސްޓް ހަމަލާ ރާއްޖެއަށް ދިނީ އެއްވެސްބަޔަކަށް ނޭނގިތިއްބާކަމަށާއި، ނަމަވެސް މިހާރު ޤައުމީ އަސްކަިއްޔާގެ ވަސީލަތްތައް އެތައްގުނައެއް އިރުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަސްކަރިއްޔާއަށް ނޭނގި ރާއްޖެއަށް ނުރައްކާވާނެ އެއްވެސް ހަމަލާއެއް ދިނުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރެވިފައިވާކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

"ސިފައިންގެ އަސްކަރީ ޤާބިލްކަމާއި ދެވޭ އަސްކަރީ ތަމްރީންގެ ފެންވަރު ވަނީ ރަނގަޅުކުރެވިފައި. މިފަދަ ޢުދުވާނުތަކުގައި މަސައްކަތްކުރުމުގެ ޕްލޭންތަކާއި ޑްރިލްތައް ހެދި އަބަދުމެ ފަރުތަކުރަމުން އެބަގެންދެވޭ. ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އެހެން ވަސީލަތްތަކާއި، އުޅަނދުފަހަރު ކެނޑިނޭޅި މަސައްކަތްކުރަމުން އެބަގެންދެވޭ. ރާއްޖޭގެ އެކިސަރަހައްދުތަކުގައި ޑޭޓާ ސިސްޓަމްތައް ބެހެއްޓި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓެމުން އެބަގެންދެވޭ އަޅުގަނޑުމެންނަށް ނޭނގި ޑިޓެކްޓްނުވެ ނުރައްކާތައް ދެން އަޅުގަޑުމެންގެ ސަރަހައްދަށް ވަނުމުގެ ފުރުސަތުތައް ވަނީ ވަރަށްވެސް ހަނިކުރެވިފައި." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މިއަދު އެންމެ އިސްކަންދޭންޖެހިފައިވަނީ އަސްކަރިއްޔާގެ ޤާބިލްކަން އިތުރަށް ހަރުދަނާކުރުމަށްކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި އަސްކަރިއްޔާއަކީ މިހާރަށްވުރެ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަަމށްވެސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ދެއްކެވި ވާހަކަފުޅުގައި ނޮވެމްބަރު 3ގައި ދިވެހި ސިފައިން ކުރި ގަދަފަދަ ހިތްވަރުން ހިތްވަރު ލިބިުގަނެ، އެދުވަހެކޭ އެއްފަދައިން މިއަދުވެސް ދިވެހި ސިފައިން ތިބޭނީ ދިވެހި ދައުލަތާއި ވަޠަނުގެ މިނިވަންކަން ޙިމާޔަތްކުރުމަށް ތައްޔާރަށްކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނީ ވެރިކަން ޙިމާޔަތްކޮށް ދިފާއު ކުރުމަށް ކެރިގެން ތައްޔާރަށް ތިބިކަމަށްވެސް ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވީ، ދިވެހި ސިފައިންގެ ފަންނީ ހުނަރު ކުރިއަރުވާ ތައްޔާރީ ހާލަތު އިތުރުކުރުމާއި ޒަމާނީ ވަސީލަތްތައް ހޯދާ ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.