ޚަބަރު

އަލިފާނުގެ ޙާދިސާގައި މީހުން ސަލާމަތްކުރި ސިފައިންގެ 9 މީހަކަށް މެޑެލްދީފި


ދާދިފަހުން މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި މީހުން ސަލާމަތްކުރުމަށް ޙަރަކާތްތެރިވި ސިފައިންގެ ނުވަ މީހެއްގެ އަގުވަޒަންކޮށް ފުރާނަ ސަލާމަތްކުރުމުގެ ރިހިމެޑަލް ދީފިއެވެ. އެފަރާތްތަކަށް ރިހިމެޑަލް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ފުރާނަ ސަލާމްތކުރުމުގެ ރިހި މެއްޑެލަކީ އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި އިންސާނެއްގެ ފުރާނަ ސަލމާތްކުރުން ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލައި ދެއްވާ މެޑެލެކެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، ސިފައިންގެ ނުވަ މީހަކަށް މިމެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި މެޑެލް ލިބުނު ނުވަ މީހުން

  • ސާޖަންޓް އަހްމަދު ސައީދު
  • ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދު
  • ސާޖަންޓް އަލީ ރިޒްވީން
  • ސާޖަންޓް އާދަމް ފަޒީލް
  • ސާޖަންޓް ހުސައިން އަންވަރު
  • ކޯޕްރަލް އަހްމަރު އަނަސް ޒަކީ
  • ކޯޕްރަލް އަހްމަދު ހިޝާމް
  • ކޯޕްރަލް ޝަހުދާން ނަސީމް
  • ޕްރައިވެޓް އިސްމާއިލް ރިހުޝާން

އެމްއެންޑީއެފުން ވިދާޅުވީ، މި ނުވަ މީހުންނަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާކަމަށްވާ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 20ވަނަ ދުވަހު ހެންވޭރުގައި ހުރި ކެމިކަލް ގުދަންތަކެއްގައި ރޯވެ އެސަރަޙައްދުގެ ބައެއް ގޭގޭގައި އަލިފާންރޯވެ ހިނގި ޙާދިސާގައި ގެތަކުން ނުނިކުމެވިތިބި، ޢާންމުން ސަލާމަތްކުރުމަށްޓަކައި އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި މަސައްކަތްކުރައްވާފައިވާ ނުވާ މީހުންކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް އަލިފާން ރޯވި ގެތަކުގެ އެކި ފަންގިފިލާތަކުގައި ދިރިއުޅުނު މީހުންނަށް ނުނިކުމެވިތިއްބާ އެފަރާތްތައް ސަލާމަތްކުރުމަށް މި ހިތްވަރުގަދަ ނުވަ ސިފައިން އާދަޔާ ޚިލާފް ހިތްވަރާއެކު އަމިއްލަ ނަފްސަށް ލިބިދާނެ ގެއްލުމަށް ބެލުމެއްނެތި މަސައްކަތްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މި ސިފައިންގެ މީހުން އަލިފާންގަނޑުގެ ތެރެއިން އެކިފަހަރުމަތިން ތަކުރާރުކޮށް އެގެތަކަށްވަދެ އިތުރު ބަޔަކު ތިބިތޯ ބަލައި އަލިފާންގަނޑު ކޮންޓްރޯލްކުރެވެންދެން އަމަލީގޮތުން ބުރަ މަސައްކަތްތަކެއްކޮށްފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވަނީ ހަނގުރާމައިގެ ހަލަތްތަކުގައި މެޑަލް ލިބޭ ދަރަޖައަށް ނުފެތޭ، ނަމަވެސް ފާހަގަކޮށްލެވޭ ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތްތަކަށް ދެވޭ ހިތްވަރުގަދަކަމުގެ ކުލަ 11 މީހަކަށް ދެއްވާފައެވެ. މިކުލަ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.

ހިތްވަރުގަދަކަމުގެ ކުލަ ލިބުނު 11 މީހުން

  • ސްޓާފް ސާޖަންޓް މުހައްމަދު ވާސިފް
  • ސާޖަންޓް ޝައުކަތު އަމީން
  • ސާޖަންޓް ހަސަން ތައުފީގު
  • ކޯޕްރަލް އަބްދުﷲ ރަޝީދު
  • ކޯޕްރަލް އިބްރާހިމް ނާޒިފް
  • ކޯޕްރަލް އަބްދުއްރަޝީދު މުހައްމަދު
  • ކޯޕްރަލް އަހްމަދު ރަޝީދު
  • ލާންސް ކޯޕްރަލް ނަސްރުﷲ އަލީ
  • ލާންސް ކޯޕްރަލް އަދުނާން އަބްދުއްރަހީމް
  • ޕްރައިވެޓް އިބްރާހިމް އިމްތިޔާޒް
  • ޕްރައިވެޓް އިސްމާއިލް ރިހުޝާން

ހިތްވަރުގަދަކަމުގެ ކުލައަކީ ދިމާވާ ނުރައްކާތެރި ހާދިސާއެއްގައި ހިތްވަރުގަދަ ކަމެއް ކުރުމުން، ނުވަތަ ބަޔަކަށް ދިމާވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރުން، ނުވަތަ ގައުމުގެ އަމަން އަމާންކަމާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި އަދި ސުލްހަ މަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތަކަށްދޭ ކުލައެކެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ޤައުމީ ދިފާޢީ ބާރުން ނެރޭ "އައްޑަނަ" މަޖައްލާގެ ނަސްރުގެ ދުވަހުގެ ޚާއްޞަ ޢަދަދުވެސް ނެރެފައެވެ.