ޚަބަރު

މި ރޯދަމަހު ރިޕޯޓު ކުރެވޭ ކުށުގެ އަދަދު މަދު- ޕޮލިސް


އެހެން އަހަރުތަކާއި ޚިލާފަށް މި ރޯދަމަހުގެ ފުރަތަމަ ހަފްތާގައި، ރިޕޯޓްކުރެވިފައިވާ ކުށުގެ އަދަދު ދަށްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.އަހަރުގެ އެހެން މަސްތަކާއި ޚިލާފަށް ރޯދަމަހަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނަ މަހެކެވެ. މިއާއެކު ކުށްކުރާ މިންވަރާއި، ކުށުގެ ބާވަތްތައްވެސް އަހަރުގެ އެހެން މަސްތަކާއި ތަފާތު ވެގެންދެއެވެ.މި ރޯދަމަހުވެސް ކުށް މަދުކުރުމަށް ތަފާތު އޮޕަރޭޝަންތައް ފުލުހުންދަނީ ކުރިއަށްގެންދަމުންނެވެ. ފުލުހުން ބުނީ، ފާއިތުވެދިޔަ އަހަރުތަކުގައި އާންމު ގޮތެއްގައި ރޯދަ މަހު އިތުރުވެފައިވާ ކުށްތަކަކީ ވައްކަމާއި، ޓްރެފިކްގެ މައްސަލަތައް ކަމަށެވެ. ނަމަވެސް މި ރޯދަމަހުގެ ފުރަތަމަ ހަފްތާގައި، ރިޕޯޓްކުރެވިފައިވާ ކުށުގެ އަދަދު ދަށްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝަރީފް ވިދާޅުވީ، ޓްރެފިކްގެ މައްސަލަތަކުގެ ތެރެއިން  މަގު މަތީގެ އެކްސިޑެންޓްތައް ހުށައެޅިފައިވަނީ އެވްރެޖްކޮށް ދުވާލަކު އެކެއް ނުވަތަ  ދެ މައްސަލަކަމަށެވެ. ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުކަމަށާއި، ވައްކަން ކުރުން މަދުކުރެވިފައިވަނީ، އެކަމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.އެހެން އަހަރުތަކާއި ޚިލާފަށް މި ރޯދަމަހުގެ ކުށުގެ ވެށިން، ތަފާތު ކުށެއްގެ ގޮތުގައި ފުލުހުން ފާހަގަކުރަނީ ޕްރޮމޯޝަންތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައިގެން މަކަރު ހަދައިގެން ރީލޯޑް ކުރުން ފަދަ މައްސަލަތަކެވެ.މީގެ އިތުރުން ރޯދަމަހުގެ ދުވާލު ގަޑިތަކުގައި އާންމު ތަންތަނުގައި ކެއުމުގެ މައްސަލަތައްވެސް ހުށައެޅުމުންދާ ކަމަށް ފުލުހުން ބުނެއެވެ. ޚާއްސަކޮށް ދުވާލު ގަޑީގައި ދުންފަތުގެ އިސްތިއުމާލް ކުރާ ކަމުގެ ރިޕޯޓްތައް ގިނަ އަދަދަކަށް ލިބެމުންދާކަން ފުލުހުން ފާހަގަކުރެއެވެ.