ވިޔަފާރި

ދިވެހި ކުޅުންތެރިންނަށް ސެލްޓަވީގޯގެ އެކަޑަމީން ތަމްރީން ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހި ފުޓްބޯޅަ ކުޅުންތެރިންނަށް ސްޕެއިންގެ ސެލްޓަވީގޯގެ ފުޓްބޯޅަ އެކަޑަމީން ތަމްރީން ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ދިވެހި ފުޓްބޯޅަ ކުޅުންތެރިންނަށް ސްޕެއިންގެ ސެލްޓަވީގޯގެ ފުޓްބޯޅަ އެކަޑަމީން ތަމްރީން ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު މިއަދު ސެލްޓަވީގޯގެ އެކަޑަމީއަށް ކުރެއްވި ޒިޔާރަތުގައެވެ. ސްޕެއިންއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސެލްޓަވީގޯގެ އެކެޑަމީއަށް ކުރެއްވި ޒިޔާރަތުގައި ޓުއަރިޒަމް މިނިސްޓަރ އަރިހުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލްއާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ސެލްޓަވީގޯގެ އެކަޑަމީއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގައި ކުޅުންތެރިން ތަމްރީންކުރުމަށް ޤާއިމްކޮށްފައިވާ ވަޞީލަތްތައް މިނިސްޓަރ ބައްލަވާލެއްވިއެވެ. މީގެ އިތުރުން ބައެއް ކުޅުންތެރިންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

މިޒިޔާރަތުގައި އެކަޑަމީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ ރާއްޖޭގެ ކުޅުންތެރިންނަށް އެކަޑަމީގައި ތަމްރީންތައް ފުރިހަމަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެ ފުރުޞަތުތައް ދިވެހި ކުޅުންތެރިންނަށް ފަހިވެފައިވާކަމަށާއި، އެކަމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ސެލްޓަވީގޯގެ އެކަޑަމީގެ އިސްބޭފުޅުން ވިދާޅުވިއެވެ. ދިވެހި ކުޅުންތެރިން އެކަޑަމީގައި ތަމްރީންކުރުމުގެ އިތުރުން، އެކަޑަމީގެ ކޯޗުން ރާއްޖެއަށް ޒިޔާރަތްކޮށް، ކޯޗިން ކޭމްޕްތައް ބޭއްވުމާ ގުޅޭގޮތުންވެސް މިމަޝްވަރާތަކުގައި ވާހަކަ ދެކެވުނެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއާއި އެފްއެމްއޭގެ ރައީސް ބައްސާމް، އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ސްޕެއިންއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ރާއްޖެއިން ސެލްޓަވީގޯގެ ސްޕޮންސަރޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިއެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެތައް މިލިއަން ބަޔަކަށް އިޝްތިހާރުވުމުގެ އިތުރުން، ރާއްޖޭގެ ކުޅިވަރަށްވެސް ބޮޑެތި ފައިދާތަކެއް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.