ޚަބަރު

ރާއްޖެއިން އދ.ގައި އަދާކުރި ދައުރާއެކު ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެއްޖެ


ދިވެހިރާއްޖެއިން އދ.ގައި އަދާކޮށްފައިވާ ދައުރުގެ ސަބަބުން ބައިނަލްއަޤްވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެންގޮސްފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނެރުއްވި ބަޔާނުގައެވެ.

ރާއްޖެއިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހޯދި ނަޞްރަކީ، މި ޤައުމަށްޓަކައި ޖާނުން ޤުރުބާންވީ ފަރާތްތަކާއި، ހިތްވަރުގަދަ ދިވެހިންގެ ނުގުޑާ އަޒުމު ހާމަވެގެން ދިޔަކަމެއް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. ނަޞްރުގެ ދުވަހަކީ، ހަޤީޤީ ރަހްމަތްތެރިންނާއި ބައިވެރިންގެ އަގު ވަޒަންކުރާ ދުވަހެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެދުވަހު އިންޑިއާ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ބަޔާނުގައިވަނީ، މިފަދަ ހަމަލާތަކުން ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ސަލާމަތައް ހުރި ޚާއްސަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އދ.ގައި ގިނަ ވަކާލާތުތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ، މި މަސައްކަތުގެ ސަބަބުން ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ޤަރާރެއް ފާސްވެގެންދިޔަކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން، ބައިނަލްއަޤްވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެންގޮސްފައިވާކަމަށެވެ.

"މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އދ.ގައި ވަކާލާތުކުރި. އަދި އޭގެ ސަބަބުން ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ގަރާރެއް ފާސްވެގެންދިޔަ. ދިވެހިރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން، ބައިނަލްއަޤްވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެންދިޔަ." މިނިސްޓަރ ވިދާޅުވިއެވެ.

3 ނޮވެމްބަރުގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް"ގެ މައްޗަށް ދިވެހިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ފާހަގަކުރާ ދުވަހެކެވެ. ނޮވެމްބަރު 3ގެ 18 ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި، ކުށެއްނެތް 11 ދިވެހި ދަރީންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ޝަހީދުވެފައިވެއެވެ.