ވިޔަފާރި

އަންނަ އަހަރު "ސްކޫބާ ޑައިވިންގ" ދުނިޔޭގެ ރެކޯޑަށް ނުކުންނަނީ


އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ސްކޫބާ ޑައިވިން ވޯލްޑް ރެކޯޑު ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސްޕެއިނަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މިއަހަރު ހެދި ވޯލްޑް ރިކޯޑާއެކު އަންނަ އަހަރު ވެސް މިފަދަ ވޯލްޑް ރެކޯޑެއް ހެދުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަންނަ އަހަރު ވޯލްޑް ރެކޯޑް ހެދުމަށް ނިންމާފައިވަނީ "ލޯންގަސްޓް ހިއުމަން ޗެއިން އަންޑަރ ވޯޓަރ ސްކޫބާ ޑައިވިން" އިންނެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ރީތިކަން ބޭރު ދުނިޔެއަށް އިޝްތިހާރުވެގެންދާނެކަމެއްކަމަށެވެ. މި ވޯލްޑް ރިކޯޑް ހެދުމަށް ހަމަޖެހިފައިވަނީ ރަށެއްގެ ވަށައިގެން ދިވެހިންނާއި ފަތުރުވެރިން ހިމެނޭހެން ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

" މިއަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޢީދުގައި އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ ލޯންގަސްޓް ހިއުމަން ޗެއިން އަންޑަރ ވޯޓަރ ސްކޫބާ ޑައިވް ވޯލްޑް ރިކޯޑެއް އެޓެމްޕްޓްކުރަން. އެއީ މިހާރު ގާތްގަނޑަކަށް 570 ގައި އޮތް ވޯލްޑް ރިކޯޑެއް. މިކަން ކުރަން އަޅުގަނޑުމެން ގަސްތު މިކުރަނީ ދިވެހި ރައްޖޭގެ ޖަޒީރާވަންތަ ރީތި ރަށެއް ކަނޑުއަޑިން ވަށާލަން، ހިއުމަން ރިންގަކާ އެއްކޮށް. މިފަހަރު އަޅުގަނޑުމެން ބޭއްވީ ފްރީޑައިވް ވޯލްޑް ރިކޯޑެއް. މިއަންނަ ފަހަރު އަޅުގަނޑުމެން ސްކޫބާ ޑައިވް ވޯލްޑް ރިކޯޑެއް ހެދުމަށް އަޅުގަނޑުމެން މި ގަސްތުކުރަނީ " އަލީ ވަހީދު ވިދާޅުވިއެވެ.

މިހާތަނަށް " ލޯންގަސްޓް ހިއުމަން ޗެއިން އަންޑަރ ވޯޓަރ ސްކޫބާ ޑައިވް ވޯލްޑް ރިކޯޑް " ހަދާފައިވަނީ 570 މީހުންނާއި އެއްކޮށެވެ. އެހެންކަމުން، މި ރިކޯޑު ރާއްޖެއަށް މުގުރާލެވޭނީ މިއަށް ވުރެ ގިނަ މީހުންނާއި އެއްކޮށެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހު ރާއްޖެއިން ވަނީ ފްރީ ޑައިވް ވޯލްޑް ރެކޯޑެއް ޤާއިމްކޮށްފައެވެ. 2009 ވަނަ އަހަރު 280 މީހުނާއެކީ އިޓަލީއިން ހެދި މި ރިކޯޑު ރާއްޖެއިން މުގުރާލާފައިވަނީ 521 މީހުންނާއެކީގައެވެ.