ޚަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތައް ސިފައިން ފެށީ ބޮޑު ޖަމާޢަތުގައި ކުރެވުނު ފަތިސްނަމާދާއެކު


ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނަސްރުގެ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީއެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަޙައްދުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިދަޖަހައި ގާޑުމައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއް އަރުވައި ހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އައު ކުރުން އޮތެވެ. ސިފައިންގެ ޢަޒުމް އައު ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ އިތުރުން ސިފައިން ޤާއިމްވެތިބޭ ހުރިހާ މަރުކަޒުތަކެއްގައިވެސް މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފައެވެ. އެމްއެންޑީއެފް މާލޭ އޭރިއާގައި ސިފައިން ފަތިސް ނަމާދަށް ޖަމާވެފައިވަނީ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ''އިސްލާމީ މަރުކަޒު'' އަށެވެ. ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އެކިރޭންކުތަކުގެ ބޭކަލުންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ފާއިތުވި ދެދުވަހުވެސް ވަނީ ދުވަހާ ގުޅޭ ހަރަކާތްތައް މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތަކާއި އެމްއެންޑީއެފް ވިކްޓޮރީ ރަންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.