ޚަބަރު

އައު ސިޔާސަތާއެކު ޤައުމީ ދިފާއީ ބާރަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން - ޗީފް އޮފް ޑިފެންސް ފޯސް


ޤައުމީ ދިފާޢީ ބާރުގެ މަސައްކަތްތައް ވަރުގަދަކުރުމަށް ދިފާޢީ ސިޔާސަތު އަލުން ދިރާސާކޮށް، އާ ސިޔާސަތެއް ކަނޑައަޅާ ޢަމަލުކުރަން ފަށާފައިވާކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ އައު ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ ރާއްޖެއަށް ކުރިމަތިވެދާނެ ކުއްލި ޙަމަލާތައް ދެނެގަނެ ކުރިއާލާ އެކަންކަން ހުއްޓުވުމަށްކަމަށެވެ.

ޤައުމަށް ކުރިމަތިވެދާނެ ނުރައްކާތެރި ހަމަލާއަކަށް ޤައުމީ ދިފާއީ ބާރުން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ޙަމަލާއެއް އައިސްދާނެކަމަށް މުޅި ޑިފެންސް ފޯސް ތައްޔާރަށް ބޭއްވުމަކީ ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށެވެ. އާ ސިޔާސަތުގެ ތެރެއިން ސިފައިންގެ ތެރޭގައި ބާރުތައް ބެހިފައިވާގޮތް ތަފްސީލްކުރުމާއި، އެ ޑިޕެޓްމަންޓްތަކުގެ މަސައްކަތްތައް ތަރުތީބުކުރުން ހިމެނޭކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

"ރައީސް ޞާލިޙް ވެރިކަމާއި ޙަވާލުވުމަށްފަހު، ޑިފެންސް މިނިސްޓަރއާއި ގުޅިގެން މުހިންމު ބަދަލުތަކެއް މިވަނީ ޑިފެންސް ސިޔާސަތަށް ގެނެސްފައި. އެގޮތުން ސިޔާސަތު އަލުން ދިރާސާކޮށް، އާ ސިޔާސަތަށް ޢަމަލުކުރަން މިވަނީ ފަށާފައި." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ރާއްޖެއިން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް ހަރުދަނާކޮށް އާ ސިޔާސަތުގެ ދަށުން، ސިފައިންނަށް ބޭނުންވާ ތަމްރީނާއި، މުހިންމު ވަސީލަތްތައް އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.

"ރާއްޖޭގެ ސަލާމަތީ މަރުކަޒުތަކާއި، އެއަރޕޯޓްތަކާއި، އަދި ޔޫޓިލިޓީ އެކި އެކި ޚިދުމަތްދޭ މަރުކަޒަކަށް އައިސްދާނެ ޙަމަލައަށް ވަރަށް ބޮޑަށް ތައްޔާރަށް މި ތިބެނީ." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ވައިސް ޗީފް އޮފ ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވިދާޅުވީ ސިފައިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އަވައްޓެރި ޤައުމުތަކުގެ އެހީއަށްވެސް ވަރަށް ބޮޑަށް ބަރޯސާވާކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގައި އަވަށްޓެރި ޤައުމުތަކުން ބޮޑު އެހީއެއް ލިބޭކަން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

"ކަނޑުގެ ސަރަޙައްދުގެ މޫވްމަންޓްތަކާއި ގުޅޭ މަޢޫލޫމާތު ހޯދަން އަވަރަށްޓެރި ޤައުމުތަކުގެ އެހީ އެބަ ވަރަށް ބޮޑަށް ލިބޭ. ޚާއްސަކޮށް ރޭޑަރ ސިސްޓަމް ބޭނުންކޮށްގެ ޤަޢުމުތައް ޕެޓްރޯލް ކުރުމުގެ މަސައްކަތަކީ މުހިންމު މަސައްކަތެއް." ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރް ވިދާޅުވީ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ކުރާ މަސައްކަތާއި، ކަނޑު މަތީގައި ހިންގާފައިވާ އޮޕަރޭޝަން ތަކަކީ ކާމިޔާބު މަސައްކަތްތަކެއްކަމަށެވެ.

"ކަނޑުމަތީގައި ގިނަ ކުށްތައް އެބަހިންގާ. ދާދިފަހުންވެސް މިވަނީ ޑްރަޤް ޓްރެފިކިންގެއެއް ބޮޑު ވިޔަފާރިއެއް އަތުލައިގެންފައި. ޕައިރަސީ އަދި މެރިޓައިލް ޓެރަރިޒަމް ހުއްޓުވުމަށްވެސް އެބަ މަސައްކަތްތައް ކުރަން." ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވަނީ ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވުމާއެކު، އެމްއެންޑީއެފްގެ އެކި އޭރިއާތަކުގެ މަސައްކަތްވެސް ވަރަށް ބޮޑަށް ހަރުދަނާ ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.