ކުޅިވަރު

މިއީ ޒުވާން ކުޅެންތެރިންނަށް މުހިއްމު ކޭމްޕެއް: ކޯޗު


ކުރިޔަށް އޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް މިހާރު ތައިލެންޑުގައި ކޭމްޕްކޮށް ކުރިއަށްގެންދާ ޓްރެއިނިންތަކަކީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވަރަށް މުހިއްމު ކޭމްޕެއްކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނެފިއެވެ.

ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑުގައި ކޭމްޕުކޮށްފައިވާއިރު، އެ ޤައުމުގައި ބޭއްވި ފުރަތަމަ ޓްރެއިނިންއަށް ފަހު ކޯޗު ބުނީ، ޤައުމުން ބޭރުގައި ޓްރެއިނިންތައް ކުރިޔަށްގެންދަން މި ލިބުނު ފުރުޞަތަކީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ.

ކޯޗު ބުނީ 3 ކުޅުންތެރިއަކު ފިޔަވާ ދެން ޓީމުގައި ތިބީ ވަރަށް ޅަ ކުޅުންތެރިންކަމަށާއި، ރާއްޖޭގައި މި ކުޅުންތެރިންނަށް ކުޅެލަން ލިބެނީ ވަރަށް މަދު މެޗުތަކެއް ކަމަށެވެ. އެހެންކަމުން މި ޓްރެއިނިން ކޭމްޕްގައި ކުޅޭ 3 މެޗުން އެ ކުޅުންތެރިންގެ ފެންވަރު ވަޒަން ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ކޯޗު ބުންޏެވެ. ކޯޗު ބުނީ ފަރިތަކުރުންތަކުގައި ދައްކާ ކުޅުން ބައެއް ކުޅުންތެރިންނަށް މެޗުގައި ނުދެއްކޭކަމަށާއި، އެހެންކަމުން އެކަން ރަނގަޅު ކުރަން މި ޓްރެއިނިން ކޭމްޕްގައި ވަރަށް މަސައްކަތް ކުރާނެކަމަށެވެ.

"ވަރަށް ރަނގަޅު ފުރުޞަތެއް ކުޅުންތެރިންނަށް ޙާއްސަކޮށް ޒުވާން ކުޅުންތެރިންނަށް. ޖުމްލަކޮށް ބަލާނަމަ 14 އަހަރާއި 15 އަހަރުގެ ކުޅުންތެރިން މި ތިބީ. ސީނިއަރކޮށް މިތިބީ 3 ކުޅުންތެރިއަކު. ޒުވާން ކުޅުންތެރިން އެބަ ބޭނުންވޭ މެޗު އެކްސްޕީރިއަންސް. އޭރުން އެކުޅުންތެރިންގެ ފެންވަރު އެނގިގެންދާނީވެސް." ކޯޗު ސުޕުން ބުންޏެވެ.

ކުރިޔަށް އޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް މިމަހުގެ 1 އިން 10 އަށް ޤައުމީ އަންހެން ޓީމު ތައިލެންޑްގައި ކޭމްޕް ކޮށްފައިވާއިރު، މި ކޭމްޕްގައި 3 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތައިލެންޑްގެ ޤައުމީ ޓީމާއެކުވެސް މެޗެއް ކުޅޭނެއެވެ. އަދި މީގެ އިތުރުން ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ވަނީ މިދިޔަ މަހު ސިންގަޕޫރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ.