ކުޅިވަރު

އެއް ރޫހެއްގައި ކުރިޔަށްދާން ބަލާއިރު، ޓްރެއިނިން ކޭމްޕް ވަރަށް މުހިއްމު: ރިޝްމާ


ޓީމު އެކުގައި ފަރިތަކުރުންތައް ކުރިޔަށްގެންދަން ބަލާއިރު ޓްރެއިނިން ކޭމްޕެއް ވަރަށް މުހިއްމު ކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ބުނެފިއެވެ.

ކުރިޔައޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް މިހާރު ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ ތައިލެންޑްގައި ކޭމްޕްކޮށްފައެވެ.

ތައިލެންޑްގައި ބޭއްވި ފުރަތަމަ ޓްރެއިނިންއަށްފަހު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން އަންހެން ޓީމުގައި މިވަގުތު ހުރި އެންމެ ސީނިއަރ އެއް ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިން އެއްކޮށް ޕްރެކްޓިސް ކުރަން ޓްރެއިނިން ކޭމްޕެއް ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ހުރިހާ ކުޅުންތެރިން އެއްކޮށް އެއްތަނެއްގައި ތިބުމުން ޓްރެއިނިން ސެޝަންތަކަށް ދެވޭ ސަމާލުކަން އިތުރުވެގެން ދާނެކަމަށް ރިޝްމާ ބުންޏެވެ.

ރިޝްމާ ބުނީ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް ފެށީ ޒުވާން ކުޅުންތެރިންނާއެކު ކަމަށާއި، މިހާރު އެކުޅުންތެރިންވެސް މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަކަމަށެވެ. އަދި މިވަގުތަށް ބަލާއިރު ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށްވެސް ރިޝްމާ ބުންޏެވެ.

ޒުވާން ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރިޝްމާ ބުނީ، އެ ކުޅުންތެރިންނަށް މާލޭގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ވެގެން ކުޅެލަން ލިބެނީ 2 މުބާރާތް ކަމަށެވެ. އެހެންކަމުން ކުޅުންތެރިންނަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ މެޗު އެކްސްޕީރިއަންސްކަން އޭނާ ވަނީ ފާހގަަކޮށްފައެވެ. އަދި ސީނިއަރ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިޔަށްދާ ވަރަކަށް އައު ކަންތައްތައް ޒުވާން ކުޅުންތެރިން ދަސްކުރަމުން އަންނަކަން ރިޝްމާ ވަނީ ފާހަގަކޮށްފައެވެ.

"ދެން އަނެއް މިކަހަލަ ޓްރެއިނިން ކޭމްޕެއް ވަރަށް މުހިއްމު ޓީމެއްގެ ގޮތުގައި ޕްރެކްޓިސް ކުރަން ޕްލަސް އެކުގައި އުޅެފައި ޓީމް ވޯރކް ރަނގަޅުވުމާއި ބޮޑަށް ހަމަ މި ޕްރެކްޓިސްއަށާއި ކުޅުމަށާއި ދޭ ސަމާލުކަން އިތުރުވެގެން ދާނެ މީގެ ސަބަބުން". ރިޝްމާ ބުންޏެވެ.

ކުރިޔަށް އޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް މިމަހުގެ 1 އިން 10 އަށް ޤައުމީ އަންހެން ޓީމު ތައިލެންޑްގައި ކޭމްޕް ކޮށްފައިވާއިރު، މި ކޭމްޕްގައި 3 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތައިލެންޑްގެ ޤައުމީ ޓީމާއެކުވެސް މެޗެއް ކުޅޭނެއެވެ.