ޚަބަރު

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެކްޓިވިސްޓުން އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއް ދީފި


ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެކްޓިވިސްޓުން އިސްރާއީލަށް ގިނަ ޢަދަދެއްގެ ރޮކެޓުން ޙަމަލާތަކެއް ދިންކަން އިސްރާއީލުންނާއި ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއިން ކަށަވަރުކޮށްދީފިއެވެ.

އިސްރާއީލުގެ ސިފައިން ބުނީ ހޮނިހިރު ދުވަހުގެ ފަތިހު ޣައްޒާގެ ތެރެއިން ފޮނުވާލި ރޮކެޓްތަކެއް ޣައްޒާއާ އިންވެގެންވާ އިސްރާއީލުގެ ސަރަޙައްދުތަކަށް އަރާފައިވާކަމަށާ ރައްދުގައި ފަލަސްޠީނުގެ ހަމާސް ޖަމާޢަތުގެ މަރުކަޒުތަކަށް ވައިގެ ޙަމަލާތަކެއް ދީފައިވާނެކަމަށެވެ. ނަމަވެސް އިސްރާއީލަށް ރޮކެޓް ޙަމަލާތައްދިނީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުންކަން އިސްރާއީލުން ބުނެފައެއްނުވެއެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ، އިސްތިޢުމާރުކޮށްފައިވާތީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރުމުގެ ޙައްޤު ފަލަސްޠީނުގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށް ފަލަސްޠީނުން ބުނެއެވެ. އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ޙަމަލާތަކުގައި ފަލަސްޠީނުގެ ޒުވާނަކު ޝަހީދުވެ، ދެ މީހުން ޒަޚަމްވުމުގެ އިތުރުން ފަލަސްޠީނުގެ ގެއަކަށް ގެއްލުންތައް ލިބުނުކަމަށް ޣައްޒާގެ މަސްޢޫލުވެރިން ވިދާޅުވެފައިވެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ލާއިންސާނީ ހިސާރުނައްތާލުމަށާއި ވަޒަނުން ބޭރުކޮށްފައިވާ ފަލަސްޠީނުގެ ރެފިއުޖީން އެނބުރި ޤައުމަށް ރުޖޫޢަވުމުގެ ޙައްޤުދިނުމަށް ގޮވާލައި ޣައްޒާގެ އެތައްސަތޭކަ ބަޔަކު އިސްރާއީލުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ހުކުރުދުވަހު މުޒާހަރާކޮށްފައިވެއެވެ.

ޢާންމު ގޮތެއްގައި ހަފުތާ ބަންދުގައި ކުރާ އެ މުޒާހަރާތަކަށް 2 އަހަރުވާން ގާތްވެފައިވާއިރު އެ މުޒާހަރާތަކަށް ބަޑިޖަހައި އިސްރާއީލުންވަނީ ފަލަސްޠީނުގެ300އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.