ދެ ހަފުތާއަށްފަހު ލުބުނާނުގެ ބޭންކްތައް އަލުން ހުޅުވާ އެ ޤައުމުގެ ރައްޔިތުންނަށް ޚިދުމަތްތައް ދޭން ފަށައިފިއެވެ.
ލުބުނާނުގެ ބޭންކްތައް ބަންދުކޮށްފައިވަނީ މީގެ ދެ ހަފުތާ ކުރިން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ލުބުނާނުގައި ކުރަންފެށި މުޒާހަރާތަކުގެ ސަބަބުންނެވެ. މި މުޒާހަރާތަކުގެ ސަބަބުން މި ހަފުތާގެ އަންގާރަ ދުވަހު ލުބުނާނުގެ ބޮޑުވަޒީރު ސަޢުދް ޢަލްޙަރީރީވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ.
ހުކުރު ދުވަހު ލުބުނާނުގެ އެކި ސަރަޙައްދުތަކުގެ ބޭންކުތަކުން އަލުން ޚިދުމަތް ދޭން ފެށުމާއެކު ގިނަ ޢަދަދެއްގެ ބަޔަކުވަނީ ބޭންކުތަކުން ޚިދުމަތްތައް ހޯދުމަށް ކިއުހަދާފައެވެ. ލުބުނާނުގެ ބޭންކުތަކާބެހޭ އެސޯސިއޭޝަނުން ބުނެފައިވަނީ ހުކުރު ދުވަހު ބޭންކުތައް އަލުން ހުޅުވާލިއިރު ޚިދުމަތްތައް ހޯދުމަށް ރައްޔިތުން ޙަރަކާތްތެރިވެފައިވަނީ ޒިންމާދާރުކަމާއެކުކަމަށާ މިކަން އެއެސޯސިއޭޝަނުން ފާހަގަކުރާކަމަށެވެ. ބޭންކުތައް އަލުން ޚިދުމަތްތައް ދޭން ފެށި ނަމަވެސް ބޭންކު އެކައުންޓްތަކުން އެމެރިކާ ޑޮލަރު ނެގޭ މިންވަރު ވަނީ ކުޑަކޮށްފައެވެ.
ގިނަ އަހަރުތަކަށް ދިގުލައިގެންދިޔަ ދާޚިލީ ހަނގުރާމައަކަށްފަހު އިޤްތިޞާދީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ލުބުނާނަށް އަނެއްކާވެސް މިވަނީ މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓިފައެވެ.