ޚަބަރު

"ދިވެހި ފިލްމް އެވޯޑްސް 9"ގެ ނޮމިނީސް އަންނަ މަހުގެ 10ގެ ކުރިން އިޢުލާންކުރާނެ


9 ވަނަ ދިވެހިި ފިލްމް އެވޯޑްސްއަށް އެކި ކެޓަގަރީތަކުން ނޮމިނޭޓްވި ފަރާތްތައް މިމަހުގެ 10ގެ ކުރިން އިޢުލާންކުރާނެކަމަށް ނޭޝަނަލް ސެންޓަރ ފޯރ ދި އަރޓްސް އެންސީއޭއިން ބުނެފިއެވެ. ދިވެހި ފިލްމް އެވޯޑްގެ އެވޯޑް ޙަފްލާ އޮންނާނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

"ދިވެހި ފިލްމް އެވޯޑްސް 9"ގައި ބައިވެރިކޮށްފައިވަނީ 2017އަދި 2018ވަނަ އަހަރު ރިލީސްކޮށްފައިވާ ފިލްމްތަކެވެ. ހުށައެޅި ފިލްމްތައް މަދުކަމުން މިދިޔަ އަހަރު އެވޯޑް ދީފައި ނުވިނަމަވެސް، އަލުން 9ވަނަ އެވޯޑް ހަފްލާ ބޭއްވުމަށް އެންސީއޭއިންވަނީ ނިންމާފައެވެ.

މިދިޔަ އޮކްޓޯބަރުމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް އެވޯޑަށް ފިލްމް ހުށައެޅުމުގެ ފުރުޞަތު ހަމަވިއިރު، މި އަހަރުގެ އެވޯޑްގައި 12ފީޗަރ ފިލްމާއި، 1 ކުރު ފިލްމް ބައިވެރިކޮށްފައިވެއެވެ.

ފިލްމް އެވޯޑާއި ގުޅޭ މަޢުލޫމާތު ދިނުމަށް އެންސީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ވަލީދް ވިދާޅުވީ އެވޯޑްގެ ޖަޖިންގ މަސައްކަތްތައް އެއްކޮށް ނިމިފައިވާކަމަށެވެ. ޖަޖިންގ ޕެނަލްގައި 7 ޖަޖުން ހިމެނެއެވެ.

"މިފަހަރުގެ އެވޯޑް ޙަފްލާ އޮންނާނި މިމަހުގެ 15ގައި. ޖަޖިންގ މަސައްކަތްތައްވަނީ ނިމިފައި. މިމަހުގެ 10ގެ ކުރިން ކެޓަގަރީތަކުން ވާދަކުރާ ފަރާތްތައް އިޢުލާންކުރާނަން." ޑެޕިއޔުޓީ މިނިސްޓަރ ވަލީދާ ވިދާޅުވިއެވެ.

ވަލީދާ ވިދާޅުވީ އެވޯޑަށް ޖަޖުން ހޮވުމުގައިވެސް ބަލާފައިވަނީ ދާއިރާއިން ކިޔަވައިގެންތިބި ތަޖުރިބާހުރި އަދި ފިލްމްތަކާއި ގުޅުން ނޯންނަ މީހުން ނެގުމަށްކަމަށެވެ.

"ޖަޖުންގެ ނިންމުންތައް މިހާރުވީ އޮޑިޓް ފަރމްގެ ދަށުގައި. އެންސީއޭގެ އެއްވެސް މީހަކަށް އޭގެ އެއްވެސް އިންފޯއެއް ނޭނގޭނެ." ވަލީދާ ވިދާޅުވިއެވެ.

އެންސީއޭއިންވަނީ ދިވެހި ފިލްމީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން "ދިވެހ ފިލްމް ފެސްޓިވަލް"އާއި، "ދިވެހި ފިލްމް އެވޯޑްސް"ގެ އާ އުސޫލު ކަނޑައަޅައި، އެ އުސޫލަށް ޢަމަލުކުރަން ފަށާފައެވެ.

އާއްމުކޮށްފައިވާ އާ އުސޫލު ބުނާގޮތުން 24 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.