ސިޔާސީ

ރައީސްގެ ހުއްދައާއެކު ނައިބްރައީސް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހްމަދު ރާއްޖޭން
ބޭރަށް ފުރާ ވަޑައިގަތުމަށް ހުއްދައަކަށް އެދުމުން އެމަނިކުފާނަށް އެ ހުއްދަ
ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.



ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި
ވިދާޅުވެފައިވަނީ ނައިބުރައީސް ޑރ. ޖަމީލް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް
ދިއުމުގެ ހުއްދައަކަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި އެދިވަޑައިގަތުމުން އެހުއްދަ
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވާފައިވާކަަމަށެވެ. މުއާޒު މިހެން
ވިދާޅުވެފައިވަނީ ނައިބު ރައީސް ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ
ރައީސުލްޖުމްހޫރިއްޔާއަށް އެންގެވުމަކާ ނުލައި ކަމަށް މީޑިއާގައި
އަޑުފެތުރިފައިވާތީއެވެ. ޕީ.އެސް.އެމްއަށް އެނގިފައިވާ ގޮތުގައި ނައިބުރައީސް
އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ.


ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ކުރިމަތިލެވޭ
އުމުރު 30 އަހަރަށް ރައްޔިތުންގެ މަޖިލީހުން ދައްކުރުމާ އެކު ނައިބު ރައީސްގެ
އިތުބާރު ނެތްކަމުގެ ވޯޓެއް ވެރިކަންކުރާ ޕީޕީއެމުން ނަގަން އުޅޭކަމުގެ އަޑުތަށް
މީޑިއާގައި ދަނީ ފެތުރެމުންނެވެ. އަދި ނައިބުރައީސް ޑރ. ޖަމީލަށް ފާޑުވިދާޅުވެ
ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންނާއި، އެޕާޓީގެ އިސްވެރިން ވަނީ ވަރަށް
ފާޅުގައި ސިޔާސީ ޕޯޑިއަމްތަކުގައި ވާހަދައްކަވާފައެވެ. އެބޭފުޅުން ތުހުމަތު
ކުރާގޮތުގައި ނައިބުރައީސް ޑރ. ޖަމީލުގެ ފަރާތުން ސަރުކާރަށާއި، ރައީސް ޔާމީނަށް
ލިބެންވާ އެއްބާރުލުމެއް ނުލިބެއެވެ. އަދި ސަރުކާރުން ނައިބުރައީސާ ހަވާލުކުރެއްވި
ޒިންމާތަށް އަދާކުރުމުގައި އެމަނިކުފާނު ނުކުޅެދިފައިވާކަން އެބޭފުޅުން
ފާހަގަކުރެއެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން ނައިބުރައީސް
ވަކިކުރަން އުޅޭކަން ކަށަވަރު ކޮށްދީފައެއްނުވެއެވެ.



ޤާނޫނުއަސާސީ ބުނާގޮތުން ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުުރުމަށް
މުޅިމަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެއެވެ.
އެއީ 57 މެންބަރުންގެ ވޯޓެވެ.