 
										
			މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެމްބަރޝިޕް ފީގެ އަގުހެޔޮކޮށްފިއެވެ. 
އެމްއެމްޕީއާރްސީއިން ބުނީ އެކުންފުނިން މެމްބަރޝިޕްގެ ފީގެ ގޮތުގައި ނަގަމުންއައި ފީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހެޔޮކުރުމަށް ނިންމާފައިވާކަމަށެވެ. 
އެމެއެމްޕީއާރުސީއިން ބުނީ އެކުންފުނިން މިގޮތަށް ނިންމީ އެކުންފުނީގެ މެމްބަރުން އިތުރުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމްއެމްޕީއާރްސީއާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ފުރުޞަތު ހުޅުވާލުމަށްކަމަށެވެ. 
އެމްއެމްޕީއާރުސީއަކީ ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެވެ. މިއަހަރުގެ ތެރޭ އެމްއެމްޕީއާރްސީއިން ވަނީ ލިވަރބޯޑުތަކާއި ސަފާރި އުޅަނދުފަހަރުތަކަށް އެކުންފުނިން ބޭރު ޤައުމުތަކުގައި ކުރިއަށްގެންދާ ފެއަރތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. 
އެމްއެމްޕީއާރްސީއިން ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހުރިހާ ދާއިރާތަކަށްވެސް ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށެވެ.