ޚަބަރު

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ޙަރަކާތްތައް ބާއްވައިފި


31ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ޙަރަކާތްތައް، ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވައިފިއެވެ. މިހަރަކާތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވަޑައިގަންނަވާފައިވެއެވެ.

މިއަދު ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ފެށާފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ އާންމުކޮށްވަނީ ސެންޓްރަލް ޕާކް ސަރަހައްދަށް އެއް ވެފައެވެ.
މި ޙަރަކާތްތައް ކުރިއަށްދިޔައިރު، އާންމުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު އާންމުނަށް ވަނީ ހުޅުވާލާފައެވެ.

31ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މާދަމާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ދައްކާލުން އޮންނާނެއެވެ. މާދަމާ ހަވީރު 16:30 ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.

3 ނޮވެމްބަރުގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް"ގެ މައްޗަށް ދިވެހިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ފާހަގަކުރާ ދުވަހެކެވެ. ނޮވެމްބަރު 3ގެ 18 ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި، ކުށެއްނެތް 11 ދިވެހި ދަރީންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ޝަހީދުވެފައިވެއެވެ.