ޚަބަރު

އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޒަކިއްޓެގެ ރާޅުމާލީ އިއްވާލައިފި


އޭބީޔޫ ބައިނަލްއަޤްވާމީ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޙަސަން އިރުފާން (ޒަކިއްޓެ) ރާއްޖެ ތަމްސީލްކޮށްފިއެވެ.

ޙަސަން އިރުފާނު ނުވަތަ މަޝްހޫރު ނަމުންނަމަ ޒަކިއްޓެއަކީ ޕީއެސްއެމްއިން ގެނެސްދިން މޯލްޑިވިއަން އައިޑަލް ސީޒަން 2 އިން އާންމުގެ ތެރެއަށް މަޝްހޫރުވި ލަވަކިޔުންތެރިއެކެވެ.

ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރާ ހަސަން އިރުފާން ބައިވެރިވެފައިވަނީ ޕީއެސްއެމްއިން ހުޅުވާލި ފުރުޞަތުގައި ވާދަކޮށްގެންނެވެ.

މިފަހަރުގެ ފެސްޓިވަލްގައި އިރުފާން ހުށަހަޅައިދީފައިވަނީ، "ރާޅު މާލީ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ ލަވައެކެވެ. މިއީ އަމިއްލަ ރާގަކެވެ. ރާޅާ އެޅުންތެރިންނަށް ޚާއްސަ މިލަވަޔަކީ ރާޅާ އެޅުންތެރިއެއްގެ ހަޔާތް ކުރުގޮތަކަށް ކިޔާދޭ ލަވައެކެވެ.

މި ލަވައިގެ މިއުޒިކް އުފައްދާފައިވަނީ ބޮޑުބެރުގެ އަޑުތަކާއިވެސް އެކުއެވެ. އިރުފާން ބުނީ މިފަދަ ބޮޑު ފެސްޓިވަލްއެއްގައި އޭނާގެ އަމިއްލަ ލަވައެއް ކިޔާ ރައްޖެ ތަމްޞީލު ކުރުމަށް ލިބުނު ފުރުޞަތަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމަށެވެ. އަދި މިއީ މިއުޒިކީ ދާއިރާގައި އޭނާއަށް ޙާސިލުވާނެ އެންމެބޮޑު އެއް ކާމިޔާބުކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މިފެސްޓިވަލްގައި ބައިވެރިވުމަށް އިރުފާނާ އެކު މިއުޒީޝަނަކާއި ޕްރޮޑިއުސަރު ސަމޫހު ތައުފީގު ބަންގްލަދޭޝަށް ވަނީ ގޮސްފައެވެ.

އޭބީޔޫއަކީ ދުނިޔޭގެ ފަސްދޮޅޮސް ނުވަ ޤައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޕީއެސްއެމުން ރާއްޖެ ތަމްސީލްކުރާ މިއީ 4 އަހަރެވެ. އެބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގެ އިތުރުން ޓީވީ ސޯންގް ފެސްޓިވަލާއި އޭބީޔޫ ޑާންސް ފެސްޓިވަލްގައިވެސް ރާއްޖެ އަންނަނީ ބައިވެރިވަމުންނެވެ. މި ފެސްޓިވަލްތަކުގައި ރާއްޖޭގައި ތިބި މަޝްހޫރު ލަވަކިޔުންތެރިންނާއި މި ދާއިރާއަށް އަލަށް ނުކުންނަ މީހުން ވެސް ވަނީ ބައިވެރިވެފައެވެ.