ޚަބަރު

ދެވަނަ ކުއާޓާގައި ލާއިންސާނީ އަނިޔާގެ 23 މައްސަލަ ހުށަހަޅާފައިވޭ - އެޗްއާރުސީއެމް


ހުސްވި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރމަހުގެ ނިޔަލަށް، ލާއިންސާނީ އަނިޔާގެ ތޭވީސް މައްސަލައެއް ހުށަހަޅާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ތަފާސްހިސާބު ތަކުންދައްކައިފިއެވެ.

އެޗްއާރުސީއެމްއިން ޢާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ ތެރޭގައި ޖުމުލަ ސަތޭކަ އޮނަތިރީސް މައްސަލަ ހުށަހަޅާފައިވެއެވެ. އެގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ލާއިންސާނީ އަނިޔާގެ ތޭވީސް މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެކި ބާވަތްތަކުގެ ފަނަރަ މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެތެރޭގައި ކުޑަކުދިންގެ މައްސަލަތަކާއި ގައިދީންގެ މައްސަލަތަކާއި ޢުމުރުން ދުވަސްވީ މީހުންގެ މައްސަލަފަދަ މައްސަލަތައްވެސް ހުށަހަޅާފައިވެއެވެ. އެކޮމިޝަނަށް ހުށަހެޅުނު ސަތޭކަ އޮނަތިރީސް މައްސަލައިގެ ތެރެއިން ފަސްދޮޅަސް އެއް މައްސަލަ ބަލައި ނިންމާފައިވާ ކަމަށްވެސް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ.

އެއާއެކު ސަތޭކަ ހަތަރު މީހެއްގެ ބަޔާން ނެގުމާއެކު ފަންސާސް ހަ ގެއަކަށް އެޗްއާރުސީއެމްއިން ޒިޔާރާތްކޮށްފައިވެއެވެ. އެޗްއާރުސީއެމްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާގޮތުން އެޗްއާރުސީއެމްއިން އިސްނަގައިގެން ޖުމްލަ ސައުވީސް މައްސަލައެއް ބަލާފައިވެއެވެ.