ސިޔާސީ

ޤާނޫނު އަސާސީއަށް ގެނައީ ވަކި މީހަކަށް ހާއްސަ އިސްލާހެއް ނޫން


ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ އުމުރާ ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބަށް ޚާއްސަ ކޮށްގެން ގެނައި އިސްލާހެއް ކަމސް ދެކެވޭ ވާހަކަތައް އެ މަނިކުފާނު ދޮގު ކުރައްވައިފިއެވެ.މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ޚާއްސަކޮށްގެން ރޭ ސޯސަން މަގުގައި ބޭއްވި ޚާއްސަ ތަރާވީސް ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވިދާޅުވީ، ރައީސާއި ނައިބް ރައީސްގެ އުމުރާ ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ އެމަނިކުފާނަށް ޚާއްސަކޮށްގެން ގެނައި އިސްލާހެއް ނޫން ކަމަށާއި، އެއީ ހުރިހާ ޒުވާނުންނަށް ޚާއްސަކޮށްގެން ގެނައި އިސްލާހެއް ކަމަށެވެ.މީގެ އިތުރުންވެސް ގައުމު ހިންގަން ބޭނުންވަނީ މަސްކަތްތެރި ޒުވާނުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގައި ތިބި މަސައްކަތް ނުކުރާ މީހުން ސަރުކާރުން ބޭރު ކުރައްވާނެ ކަމަށެވެ.މީގެ އިތުރުން ރައީސާއި ނައިބް ރައީސްގެ އުމުރާ ގުޅޭގޮތުން ހުށަހެޅި އިސްލާހަށް ވޯޓު ނުދޭ ފަރާތްތަކަކީ ކުރިއަށް އޮތްތަނުގައި ސިޔާސީ ދާއިރާއިން ބާކީވާނެ ފާރާތްތައް ކަމަށްވެސް މިނިސްޓަރ އަދީބް ވިދާޅުވިއެވެ.ވަކީލުންނަށް އަމާޒުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނސްޓަރ ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ބާރުލިބުނު ދުވަހު އެއްވެސް ކަމެއް ނުކުރެވުނު ކަމަށާއި، އެހެންނަމަވެސް މިހާރުގެ ބަންޑާރަ ނައިބް އަނިލް ޖީއެމްއާރ ކޭސްގައި ކާމިޔާބު ހޯއްދަވަމުން ގެންދަވާކަން ފާހަގަ ކުރެއްވިއެވެ.ރޭގެ ތަރާވީސް ހަފްލާ ގައި ވާހަކަފުޅު ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ޖުލައި ސައްބީހުގެ ކުރިން މިހާރުގެ ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބު ނައިބު ރައީސް ކަމަށް ގެންނަވާނެކަމަށެވެ. އަދި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިން އިސްތިއުފާ ދެއްވުމަށްވެސް، ޝުޖާއު ގޮވާލެއްވިއެވެ.ޝުޖާއުގެ ވާހަކަފުޅުގައި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުއަށް އެ މަނިކުފާނުގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ވިދާޅުވެ ނައިބް ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.