ޚަބަރު

ރަޝިޔާގެ ސިފައިން ސޫރިޔާގެ ސަރަޙައްދީ ރޮނގުކައިރީ ފޯރިމަރަން ފަށައިފި


ރަޝިޔާގެ ޢަސްކަރިއްޔާގައި ހިމެނޭ ފުލުހުންނާއި ސިފައިން ސޫރިޔާގެ އުތުރުން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ކައިރީގައިވާ ރަށްތަކުގައި ފޯރިމަރަން ފަށައިފިއެވެ.

ރަޝިޔާގެ މަސައްކަތުން ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން ފަހަތަށްޖެހެން ތުރުކީވިލާތުން ބޭނުންވާ ހިސާބަށް މިހާރު ފަހަތަށް ޖެއްސިފައިވާކަމަށް ސޫރިޔާގެ ޤައުމީ ޓީވީންވަނީ ބުނެފައެވެ. ނަމަވެސް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވަނީ ރަޝިޔާއިން ޔަޤީންކަން ދިންނަމަވެސް ކުރުދީ ހަނގުރާމަވެރިން އަދިވެސް 30 ކިލޯމީޓަރު ފަހަތަށްޖެހިފައި ނުވާކަމަށެވެ.

ތުރުކީވިލާތުގެ ރައީސް އުރުދުޣާން، ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިންއާއެކު ވެވަޑައިގެންފައިވާ އެއްބަސްވުމެއްގެ ދަށުން ކުރުދީންގެ ހުރިހާ ހަނގުރާމަވެރި ޖަމާޢަތްތަކެއް އޮކްޓޯބަރު 29ގެ ނިޔަލަށް 30 ކިލޯމިޓަރު ފަހަތަށް ޖައްސަންޖެހެއެވެ. ތުރުކީވިލާތުން ދެކެނީ ކުރިދީންގެ ސީރިޔަން ޑެމޮކްރަޓިކް ފޯސަސްގައި ހިމެނޭ ވައިޕީޖީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުންކަމަށެވެ.

ކުރުދީން މަސައްކަތްކުރަނީ ތުރުކީވިލާތުގެ އެތެރޭގައި ބައިބައިވުން އުފައްދަންކަމަށް ބުނެ، ތުރުކީވިލާތުގެ ސިފައިންވަނީ ސޫރިޔާގެ އުތުރުގައި އަސްކަރީ ޙަރަކާތެއް ފަށާފައެވެ.. ނަމަވެސް ދުނިޔޭގެ ޤައުމުތަކުގެ ފިއްތުންތަކުގެ ސަބަބުން އެ ޙަމަލާތައްވަނީ ހުއްޓާލާފައެވެ.