ޚަބަރު

ނަސްރުގެ ދުވަހުގެ ޑްރިލް މާލެ އާއި ހުޅުމާލޭގައިވެސް ބާއްވަން ނިންމައިފި


31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ޙަރަކާތްތައް، މާލެއާއި ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑީފެންސްފޯސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 1 ވަނަ ދުވަހުއާއި ނޮވެމްބަރ 2 ވަނަ ދުވަހުއެވެ. އެގޮތުން އަންނަމަހުގެ 1 ވަނަ ދުވަހު ގެ ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށްވަނީ ހުޅުވާލާފައެވެ.

މި ޙަރަކާތްތައް ކުރިއަށްދާއިރު، އާންމުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ހުޅުވާލާގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އަދި ނޮވެމްބަރު 2 ވަނަ ދުވަހު، ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ދައްކާލުން އޮންނާނީ އެދުވަހުގެ 16:30 ޖުމްހޫރީ މައިދާނުގައެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.