މުނިފޫހިފިލުވުން

"ބާލާ" އާއި މެދު ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް: އަޔުޝްމަން


ބޮލީވުޑުގެ މިހާރު އެންމެ ކުޅަދާނަ އެއް އެކްޓަރުކަމަށްވާ އަޔޫޝްމަން ކުރާނާގެ ކުރިއަށް އޮތް ފިލްމު "ބާލާ" އަކީ މިހާރު ކޮންމެ ދުވަހަކުވެސް ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ ފިލްމެކެވެ.

ސަނީ ސިންގެ "އުޖުޅާ ޗަމަން" އާއި ދާދި އެއްކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ އަޔޫޝްމަންގެ ފިލްމު "ބާލާ" ގެ ވާދަވެރިކަން އެންމެ ބޮޑުވި އެއް ސަބަބަކީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ބާލާ" ރިލީޒްކުރުން 7 ނޮވެމްބަރަށް އަވަސްކުރުމުންނެވެ.

ފިލްމު ނެރޭ ދުވަސް އަވަސްކުރުމުން "އުޖުޅާ ޗަމަން" ޕްރޮޑިއުސަރ ކުމާރު މަންގަތް ވަނީ "ބާލާ" ޓީމުގެ އެ ނިންމުމަކީ އެތިކްސާއި ހިލާފު ނިންމުމެއްކަމަށް ބުނެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"އުޖުޅާ ޗަމަން" ސްކްރީންތަކަށް އަންނަން ކުރިން އޮތީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް "ބާލާ" ނެރޭ ދުވަސް ބަދަލުކުރުމުން "އުޖުޅާ ޗަމަން" ރިލީޒް ކުރާ ތާރީހުވެސް މިހާރުވަނީ 1 ނޮވެމްބަރަށް އަވަސްކޮށްފައެވެ.

ދާދި ފަހުން އަޔުޝްމަން މީޑިއާއަށް ދިން އިންޓަރ ވިއުއެއްގައި ބުނެފައިވަނީ " ބާލާ" އަކީ ކާމިޔާބު ފިލްމަކަށް ވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި މި ފިލްމަކީ މިހާތަނަށް އޭނާ މަސައްކަތްކުރި އެންމެ ރަނގަޅު ސްކްރިޕްޓުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަމަރު ކޯޝިކް ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގެ ލީޑް ރޯލުން އަޔުޝްމާނާއި އެކު ފެނިގެންދަނީ މީގެކުރިން އޭނާގެ ދެ ފިލްމެއްގެ ލީޑުން ފެނިގެންދިޔަ ބޫމީ ޕެޑްނޭކަރާއި ޔާމީ ގޯތަމްއެވެ.